ޚަބަރު

"ދާރުލް އީމާން"ގެ 6 ފަންގިފިލާއެއް ކުއްޔަށް ދޫކުރަނީ


އިސްލާމިކް މިނިސްޓްރީގެ ވަޤްފު ޢިމާރާތެއް ކަމަށްވާ "ދާރުލް އީމާން" ގެ 06 ފަންގިފިލާއެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ދާރުލް އީމާންގެ ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯ ކުއްޔަށް ހިފުމަށް ހުޅުވާލާފައިވަނީ ސަރުކާރު އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ދާރުލް އީމާންގެ 06 ފަންގިފިލާ ކުއްޔަށްދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ޢިމާރާތުގެ ބޮޑުމިނަކީ 1400 އަކަފޫޓެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކުއްޔަށް ހިފުމުގައި ބަލާނޭ އެންމެ ދަށް ރޭޓަކީ، އަކަފޫޓަކަށް 35 ރުފިޔާކަމަށެވެ. އަދި އެންމެ މަތީ އަގު ހުށަހަޅާފަރާތުގެ އަގު މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ %10 ބޮޑުނުވާނަމަ، ބިޑް އެވޯޑް ކުރުމުގައި މިހާރު ކުއްޔަށް ހިފާފައިވާ ފަރާތަށް އިސްކަން ދެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ %10 އަށް ވުރެ ބޮޑުއަގުތަކެއް ހުށަހަޅައިފިނަމަ، އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެވޯޑް ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދާރުލް އިމާނުން ފަންގިފިލާއެއް ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވެއެވެ.

ދާރުލް އީމާންއަކީ ވަޤްފު ފަންޑު މުއްސަނދިކޮށް މިސްކިތްތަކަށް އެހީވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އަޅާފައިވާ 10 ބުރީގެ އިމާރާތެކެވެ.