ޚަބަރު

ސަލްމާން މިސްކިތް އަންނަ ރަމަޟާންމަހަށް ހުޅުވަން ތައްޔާރުވަނީ


ކިންގް ސަލްމާން މިސްކިތް އަންނަ އަހަރުގެ ރަމަޟާންމަހަށް ހުޅުވުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މި މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖެ އައިސަޢުދީ ޢަރަބިއްޔާގެ ވަފްދާއި ރާއްޖޭގެ ކަމާއި ގުޅުންހުރި އިދާރާތަކާއެކުއެވެ. މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީއެވެ.

މި މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ މިމަޝްވަރާ ބައްދަލުވުމުގައި މިސްކިތް ހުޅުވުމަށް އިތުރަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންނާއި، މިސްކިތަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ. އެގޮތުން މިސްކިތަށް ބޭނުންވާ ސާމާނު ހޯދުމުގައި ސައުދީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަޢުދީގެ ވަފްދުން ވިދާޅުވި ކަމަށް ޝާފިއު ވިދާޅުވިއެވެ. އަދި ސަލްމާން މިސްކިތް އަންނަ ރަމަޟާންމަހަށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ޝާފިއު ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑް އާ ގުޅިގެން ދަތުރުފަތުރަށް ބުރު އެރުމާ ގުޅިގެން ސަޢުދީގެ ވަފްދު އައުމަށް ދަތިވުމުންކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.

"ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ.