ޚަބަރު

އޯޑިއޯ ލީކުވި މައްސަލައިގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރަނީ


ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ތިިން ޤާޒީއަކަށް ނުފޫޒުފޯރުވިކަމަށް ބުނާ މައްސަލައިގައި، ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާނެކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާކަމަށެވެ. އަދި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ޖޭއެސްސީން ވިދާޅުވީ މި މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުންނަކީ، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްސުބުން އެއްކިބާވެ، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެންޖެހޭ ބައެއްކަމަށެވެ.

އެހެންކަމުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލައި ތަޙުޤީޤު ކުރާނެ ކަމެއް ކަމުގައި ޖޭއެސްސީން ވިދާޅުވެއެވެ.