ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަން ކުރުމަށް ރުހުންދީފި


ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 49 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. މިމަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި 4 ބޭފުޅުންނާއި މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމެޓީން ވަނީ އިންޓަރވިއު ކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރުމަށް ކޮމެޓީން ރުހުން ދިން އާހިދުއަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ލިސްޓުގެ ދެވަނައިގައި އޮތް ނަމެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި 4 ނަމަކީ އަލްއުސްތާޛް ޝިހާމް މުހައްމަދު ވަހީދު އާއި އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އާއި އަޒްލީމާ އަހުމަދު، އިތުރުން މަރިޔަމް އަލީމްއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާއިބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.