ޚަބަރު

އިޢުތިރާފްގެ އެއްބަސްވުމާ ބެހޭ ޤާނޫނެއް އެކުލަވާލަނީ


ކުށެއްގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއެކު އިޢުތިރާފުގެ އެއްބަސްވުން އެކުލަވާލުމާ ބެހޭގޮތުން ޤާނޫނެއް އެކުލަވާލުމަށް އެކަމަށް ޚާއްޞަ ބިލެއް ޑްރާފްޓްކޮށް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވެފައިވާކަަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާ ގޮތާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދަޅުވީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ކުށެއްގައި ތުހުމަތުކުރެވޭ މީހަކާއެކު އިޢުތިރާފްގެ އެއްބަސްވުން އެކުލަވާލެވޭނެ ގޮތްތަކެއް އޮންނަކަމަށެވެ. އެގޮތުން އިއުތިރާފްގެ އެއްބަސްވުން އެކުލަވާލެވޭނީ ހަމައެކަނި ތަހުޤީޤީ މަރުޙަލާގައި އެކަނިކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ ޝަރީޢަތަށް މައްސަލަ ގެންދިއުމަށްފަހު އިޢުތިރާފްގެ އެއްބަސްވުން އެކުލަވާލުމަށް މިހާރުގެ ޤާނޫނު އޮންނަގޮތުން ޖާގަނުދޭކަމަށެވެ.

ނަމަވެސް އިޢުތިރާފްގެ އެއްބަސްވުން އެކުލަވާލުމާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް ހެދުމަށް ބިލެއް ޑްރާފްޓްކުރަމުންދާކަމަށާ، މިހަފްތާގެ ބުރާސްފަތި ދުވަހު އެބިލު ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުއްވާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އެ ޤާނޫނާއެކު މައްސަލަތައް ނިންމެވުން އިތުރަށް އަވަސްވެގެންދާނެކަމަށާ، ޝަރީއަތްތައް ކުރިއަށްގެންދިއުމަށް ކޯޓުތަކަށްވެސް ފަސޭހަވެގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"ޝަރީއަތަށް މައްސަލަ ދިއުމަށްފަހު ނުވަތަ ތަހުޤީޤު މަރުހަލާ ނިމުމަށްފަހު އިޢުތިރާފްގެ އެއްބަސްވުމަށް ނުވަތަ ނަސޭހަތުގެ އެއްބަސްވުމަށް ޤާނޫނު މިހާރު އޮތްގޮތުން ޖާގައެއް ނުދޭ. އެއަށް ހައްލެއް ގެނެވިއްޖެނަމަ ކުރިުގެ ހުރި މައްސަލަތައް ކޯޓަށް ނުގޮސްހައްލުކުރެވޭނެ. އެހެންވިއްޔާ ކޯޓަށް ދާނީ ވަރަށް ބޮޑެތި މައްސަލަތަކުގައި. ކޯޓަށް ޝަރީއަތްކުރަން ފަސޭހަވެގެންދާނެ." ޕީޖީ ވިދާޅުވިއެވެ.

މި ބަދަލާއެކު މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ޖަލަށް ނުގޮސް މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިލިޔަނީ ޝަރީއަތުގައި މައްސަލަ އޮތަސް ނަސޭހަތުގެ އެއްބަސްވުން ހަދާފައި ވަކި ދުވަހެއްވަންދެން ކުށެއް ނުކޮށް ނުކުމެވޭނެ ގޮތަކަށް. މިހެން މިނިޒާމް މި ބައްޓަންކުރަނީ. ޖަލަށް ނުގޮސް ފަރުވާ ނިމިގެންނަމަވެސް ނިކުމެވޭނެގޮތަށް މި ނިޒާމް ބައްޓަންވަނީ. އަޅުގަނޑު އެދެނީ ހުށައެޅުމުން ވިހާވެސް އަވަހަށް އެ ބިލު ފާސްކޮށްދެއްވުން." ޕީޖީ ވިދާޅުވިއެވެ.

ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ދައުވާކުރަން ޝަރީޢަތަށް ނުފޮނުވާ މައްސަލަތަކުގެ ޢަދަދު މިހާރު ވަރަށް މަދުވާނެކަމަށެވެ. މިގޮތުން މައްސަލަތަކުގެ ފުރަތަމަ މަރުހަލާގައި ފުލުހުންނާއެކު ޕީޖީން މަސައްކަތްކުރަމުންގެންދާތީ ކޯޓަށް މައްސަލަތައް ފޮނުވުން އަވަސްވެފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ.

"ކޯޓަށް ހުށައެޅި ލަސްވާ މައްސަލާގައި މިހާރު ޖިނާއީ އިޖުރާއަތުގެ ޤާނުނަށް އެންމެ ފަހުން ގެނެވިފައިވާ އިސްލާހުގައި އެބައޮތް މާއްދާއެއް، އާދަޔާ ޚިލާފަށް ލަސްވާނަމަ އެ މައްސަލަ އަނބުރާ ގެނައުމުގެ ފުރުޞަތު ދެއްވާފައި އެބައޮތް. އެގޮތުން އެ މައްދާ ބޭނުންކޮށްގެން ބައެއް މައްސަލަތައް އަނބުރާ ގެނެސްފައިވެސް ހުންނާނެ." ޕީޖީ ވިދާޅުވިއެވެ.

ބޮޑެތި މައްސަލަތަކުގައި މީގެކުރިންވެސް އިއުތިރާފްގެ އެއްބަސްވުން އެކުލަާފައިވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕީޖީ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ޝަރީޢަތް ހިންގަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއެކުވެސް ޕީޖީން އިޢުތިރާފްގެ އެއްބަސްވުން އެކުލަވާލާފައިވެއެވެ.