ޚަބަރު

ފަންނުވެރިންނަށް ޚާއްސަ ސިލްސިލާ ޝޯވތަކެއް


ފަންނުވެރިންނަށް ޚާއްސަ ސިލްސިލާ ޝޯވތަކެއް ކުރިއަށްގެންދިއުމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް، އެންސީއޭއިން ނިންމައިފިއެވެ.

މި ޝޯވތަކުގައި ހުށައެޅުންތައް ދައްކާލަން ބޭނުންވާ ފަންނާނުންނަށް މިހާރުވަނީ އެ ފުރުޞާތު ހުޅުވާލާފައެވެ. އެންސީއޭއިން ބުނީ ސަލްޓަން ޕާކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޝޯތަކުގައި ހިމެނޭނީ ވިޝުއަލް އަދި ޕަރފޯމިން އާޓްސްގެ ދާއިރާގެ ހުށައެޅުންތައްކަމަށެވެ.

ސިލްސިލާ ޝޯވތައް ހަވީރު އަދި ރޭގަނޑުގެ ވަގުތުގަވެސް ކުރިއަށްދާނެކަމަށާއި، ހަވީރުގެ ހަރަކާތްތައް ޚާއްސަކުރަނީ ކުޑަކުދިންނަށްކަމަށްވެސް އެންސީއޭއިން ބުނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެންސީއޭއިން މިހާރު ހުޅުވާލާފަވާއިރު، މިކަމަށް އެދި އޮންލައިންކޮށް ހުށައެޅޭނެއެވެ. ޝައުގުވެރިވާ ފަންނާނުން [email protected] އަށް މެއިލް ފޮނުވުމަށްވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެންސީއޭގެ ފޯނު ނަންބަރު 3313456އަށް ގުޅައިގެން ހޯދޭނެކަމަށާއި މިއީ ވަކި މުއްދަތެއް ނެތްގޮތަށް ހުޅުވާލާފައިވާ ފުރުޞަތެއްކަމަށްވެސް އެންސީއޭއިން ބުނެއެވެ.

އެންސީއޭއިން ބުނީ މި ސިލްސިލާ ޝޯވތަކުގެ މަޤްސަދަކީ ފަންނާނުންގެ ހުނަރުތައް ދިރުވާ އާލާކުރުމާއި ފަންނާނުންގެ ހުށައެޅުންތައް މުޖުތަމަޢުގެ ވީހާވެސް ގިނަ ބަޔަކަށް ދައްކާލުންކަމަށެވެ.

އެންސީއޭއިން މީގެކުރިންވެސް އައީ މިފަދަ އެކި ހަރަކަތްތައް ބައްވަމުންނެވެ. އެގޮތުން ފަންނުވެރިންގެ ހުނަރު ދައްކާލުމާއި، އަދި ފަންނުވެރިކަން އުނގަންނައިދިނުމުގެ އެކިއެކި ހަރަކަތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.