ޚަބަރު

އިސްލާމް ކިޔަވައިދޭން ބޭރުގެ މުދައްރިސުން ގެނައުމުގެ ވިސްނުމެއް ނެތް - އެޑިއުކޭޝަން


ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރު ޤައުމުތަކުގެ މުދައްރިސުން ގެނައުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައިދޭނެ މުދައްރިސުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެމިނިސްޓްރީން ގެންގުޅުއްވަމުންދާކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

މިކަން ދޮގުކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ލަފަޔާ ގުޅޭގޮތުން މިދިޔަ ބުރާސްފަތިދުވަހު މެއި 6ގެ ކޮމިޓީން އެ މިނިސްޓްރީއާ ބައްދަލުކޮށް އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅެގޮތުން މަޝްވަރާކުރިކަމަށެވެ.

އެހެންނަމަވެސް އިސްލާމް މާއްދާގެ މުޤައްރަރު ތައްޔާރު ކޮށްފައިވަނީ ދިވެހިބަހުން ކަމަށްވެފައި އެމާއްދާ ކިޔަވައިދެއްވުމަށް ތަމްރީންކޮށްފައިވާ ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން ރާޢްޖޭގައި ތިބުމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް އެ މިނިސްޓްރީން ވިސްނާފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިސްލާމް ކިޔަވއިދޭން ބޭރު ޤައުމުތަކުން މުދައްރިސުން ގެނައުމުގެ ވިސްނުމެއްވެސް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.