ތަޢުލީމު

ކިނޮޅަހާއި ޅޮހީ ސްކޫލުގައި ޢިމާރާތްކުރި ކްލާސްރޫމްތައް އިފްތިތާޙްކޮށްފި


ރ.ކިނޮޅަހާއި ނ.ޅޮހީ ސްކޫލުގައި އަލަށް އިމާރާތްކުރި ކްލާސްރޫމްތައް އިފްތިތާޙްކޮށްފިއެވެ. ކިނޮޅަހާއި ޅޮހީ ސްކޫލުގައި އަލަށް އިމާރަތް ކުރި 6 ކްލާސްރޫމަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ އިންޑިއަން ގްރާންޓް އެސިސްޓެންޓް ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ކްލާސްރޫމްތަކެކެވެ.

މި ކްލާސްރޫމްތައް އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކާ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، ސެކެޓްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ. އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި، މި ދެ ސްކޫލުގެ ޕްރިންސިޕަލުންވެސް ވަނީ ވަރޗުއަލްކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި މި ދެ ސްކޫގައި އިމާރާތްކުރި ކްލާސްރޫމްތަކާއެކު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމަށާއި، މި ދެ ސްކޫލުގައިވެސް ހަދާފައިވާ ކްލާސްރޫމްތައް އިމާރާތްކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފާޚަނާވެސް ހިމެނޭހެންކަން ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަކަށް ހެދުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވާއިރު، ޖާގައިގެ ދަތިތަކަމަކީ ބައެއް ސްކޫލްތަކުގައި އެކަން ކުރުމަށް އޮތް ބޮޑު ގެންޖެހުމެއްކަމަށެވެ. އިންޑިއާ ސަރުކާރުން މި ފޯރުކޮށްދިން އެހީއާއެކު ކިނޮޅަހާއި ޅޮހީ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަކަށް ބަދަލުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް އަލުން ހުޅުވާލާ، ދަރިވަރުން ސްކޫލަށް ޙާޞިރުވެގެން ކިޔައިވައިދެވޭނެ ފުރުޞަތު ފަހިކޮށްދީ، ކޯވިޑްގެ ޙާލަތު ރާއްޖޭގައި ރަނގަޅުކުރުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއަކަށްވުމީ އިންޑިއާއަށް ލިބޭ ބޮޑު ފަހުރެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާފަދަ ރައްޔިތުންގެ ދިރިއުޅުމާގުޅިފައިވާ އަސާސީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ޤައުމުން އަބަދުވެސް އިސްކަންދޭނެކަމެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރ.ކިނޮޅަހާއި ނ.ޅޮހީ ސްކޫލުގައި ކްލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތްކޮށްފައިވަނީ އިންޑިއާއިން 2019 ގައި ރާއްޖެއަށް ފޯރުކޮށްދިން 106 މިލިއަން ރުފިޔާގެ މާލީ އެހީގެ ތެރެއިންނެވެ. އެގޮތުން މި ދެ ސްކޫލުގައި ކްލާސްރޫމް އިމާރާތްކުރުމަށް މި އެހީގެ ތެރެއިން ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ތެރެއިން މިއިން ކޮންމެ ސްކޫލެއްގައި 6 ކްލާސްރޫމް ހިމެނޭހެން 2 ބުރީގެ ބްލޮކެއް އިމާރާތްކޮށްފައިވެއެވެ. މި ކްލާސްރޫމްތަކަކީ ޖާގައިގެގޮތުން ތަނަވަސް ދަރިވަރުންނަށް ބޭނުންވާނެ އެކިކަހަލަ ކަންކަން ފަސޭހައިން ކުރެވޭނެހެން ފަރުމާކޮށްފައިވާ ކްލާސްރޫމްތަކެކެވެ.