ވިޔަފާރި

ހިޔާ ފްލެޓް ލިބުނު މީހުންނަށް ލޯނު ދޫކުރުމުގައި ފަސޭހަ ގޮތްތަކެއް!


ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނު މީހުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ގެނައި މިބަދަލާއެކު ލޯނަށް އެދި ހުށަހެޅުމުގައި ފްލެޓުގެ ވެރިފަރާތުގެ އިތުރުން ވެރިފަރާތާ ގުޅުންހުރި ބައެއް އެހެން މީހުންނަށްވެސް ފުރުސަތު ލިބި ލުއި ފަސޭހަވެގެންދާނެކަމަށް އެބޭންކުން ވިދާޅުވެއެވެ. އަދި ލޯނަށް ހުށަހަޅާ މީހަކީ ޢާމްދަނީ ލިބޭ ފަރާތަކަށް ވާންޖެހެއެވެ. އެގޮތުން ޢާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ލޯނު ނަގާ މީހާއަކީ ފްލެޓްގެ ވެރިފަރާތް ނުވަތަ އެފަރާތާ ޢާއިލީ ގޮތުން ގުޅުންހުރި މީހެއްކަމަށް ވާންވާންޖެހެއެވެ.

ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާނެއެވެ. ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12 ގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނަށް ތައާރަފްކުރި ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓާއިރޯ ހައުސް ގަނެފައިވާ ބީއެމްއެލްގެ ކަސްޓަމަރުންނަށްވެސް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫމަންޓް ލޯނަށް އެދެވޭގޮތަށް ވަނީ މި ބަދަލުތައް ގެނެސްފައެވެ. މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެއެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ. މި ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ޕްލަސްއަށްވެސް ވަނީ ގެނެސްފައެވެ.