ވިޔަފާރި

އެސްޓީއޯ ގޮދަންފުށް ކާރުޚާނާ މަޝްރޫޢުގެ މަސައްކަތް ފަށައިފި


އެސްޓީއޯގެ ގޮދަންފުށް ކާރުޚާނާ މަޝްރޫޢޫގެ މަސައްކަތް ފަށާފައިވާކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.

މިމަސައްކަތުގައި މިހާރު ކުރިއަށް ދަނީ ސާވޭގެ މަސައްކަތެވެ. މިކަމާގުޅޭ ގޮތުން އެސްޓީއޯއިން ވިދާޅުވީ ގޮދަންފުށް ކާރުޚާނާ ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާ، ސާވޭ މަސައްކަތް ނިމޭނެ ތަރީޚެއް ހާމަކުރަން އަދި އަވަަސް ކަމަށެވެ. ނަމަވެސް މިސާވޭ ނިމުމާއެކު ސާވޭގެ ރިޕޯޓުލިބި މިކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެން ދާނެކަމަށް އެސްޓީއޯއީން ވިދާޅުވިއެވެ.

މިސާވޭގެ މަސައްކަތް ކުރަމުންދަނީ ތުރުކީގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށެވެ. އެސްޓީއޯއިން ގޮދަށްފުށް ބަންދު ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމު ކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދު ކުރާ ގޮތަށެވެ.

މިކަމާގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ، އެސްޓީއޯއިން ހަދާ ގޮދަށްފުށް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް މިކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އަމްރު ވިދާޅުވިއެވެ. ރާއްޖޭގައި މިގޮތަށް ގޮދަށް ފުށް އުފައްދަން ފެށުމުގެ ސަބަބުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

އެސްޓީއޯއިން ހާމަކުރެއްވި ގޮތުގައި، މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި މީގެއިތުރުން ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.