ޚަބަރު

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސަޢުދީގެ ވަފްދެއް ރާއްޖެއަށް


ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފްދެއް ރާއްޖެ އަތުވެއްޖެއެވެ. މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީއެވެ.

ރައީސް އޮފީހުގެ ތަރްޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ސައުދީ މަންދޫބާ އެކު މާދަމާ ރަސްމީ މަޝްވަރާތައް ފަށާނެ ކަމަށެވެ. އަދި އެ މަޝްވަރާގައި ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑް އާ ގުޅިގެން ދަތުރުފަތުރަށް ބުރު އެރުމާ ގުޅިގެން ސަޢުދީގެ ވަފްދު އައުމަށް ދަތިވުމުންކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޟޫޢުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.