ޚަބަރު

ދިވެހި ސަރުކާރުން އަފްޣާނިސްތާނަށް އެހީވުމަށް ހިއުމަންރައިޓްސް ކޮމިޝަނުން އެދިއްޖެ


އަފްޣާނިސްތާނުގެ ޙާލަތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެން އޮތް މަސައްކަތްކޮށްދެއްވުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެދިވަޑައިގެފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެއަކީވެސް އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޑީ.އެފް)ގެ މެންބަރުންނަށްވާއިރު އަފްޣާނިސްތާނަށް މިވަގުތު ދިމާވެފައިވާ ޙައްސާސް ހާލަތުގައި، ޠާލިބާނުން ޢަމަލުކޮށްފާނެ ގޮތަކާމެދު އޭ.ޕީ.އެފްއިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ވަކިވަކި ފޮނުއްވި ސިޓީގައި އެޗްއާރުސީއެމްއިން ވަނީ އަފްޣާނިސްތާނުގެ އިންސާނީ ހައްޤުތަކާބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކާއި އެޤައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި ޢާންމު ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެން އޮތް އެންމެހައި މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.