ޚަބަރު

"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް ނެރެފި


އޯޓިޒަމް ހުންނަ ކުދިން ބަލަހައްޓަމުންގެންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްއެވެ.

"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" މި ނަމުގައި ނެރުނު އަތްމަތީ ފޮތަކީ އޯޓިޒަމް ހުންނަ ކުދިންނަށް ފަސޭހައިން އުނގަންނައިދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހިމަނާ ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތަކީ އޯޓިޒަމް ކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން އަދި ތެރަޕިސްޓުން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ލުއި ހޯދާދިނުމަށްޓަކައި އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކޮށްގެން ނެރުނު ފޮތެކެވެ. މިއީ އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުމަށް ދިވެހި ބަހުން ލިޔެ ނެރުނު ފުރަތަމަ ފޮތެވެ.

މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް ހުސައިން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކުގައާއި އެކަންތައްތަކުގެ ފައިދާވާ މީހުންގެ ތެރޭގައި އޯޓިޒަމް ހުންނަ ކުދިން ޝާމިލްކުރުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތައްކެއް އަދިވެސް އެބަހުރިކަމަށެވެ. އެމީހުންގެ އަސާސީ ޙައްޤު ހޯދައިދިނުމާއި މުޖުތަމަޢުގެ ހިއްސާދާރުންނަށް ހެދުމުގެ އިތުރުން ހަރަކާތްތަކުގައި ބައިވެރިކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގޮތްތަކެއް ހޯދަން ޖެހޭކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ބޭރުގެ މާހިރުންގެ އެހީއާއި އޯޓިޒަމް ސެންޓަރުގެ މުވައްޒަފުންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު އެ ސެންޓަރުގެ ޚިދުމަތްތައް މުޖުތަމަޢު ބަލައިގަންނަ ޚިދުމަތަކަށް ހެދިފައިވާކަމަށެވެ.

"ޚާއްސަ ޚިދުމަތްތަކެއްގެ ގޮތުގައި ސައިކޮލޮޖިކަލް އެސެސްމަންޓް، ސްޕީޗް ތެރަޕީ އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީގެ ޚިދުމަތްތައް އެ ސެންޓަރުން 141 ދަރިވަރަކަށް އަންނަނީ ފޯރުކޮށްދެމުނެ. ދާދި ފަހުން ޖަޕާން ސަރުކާރުގެ އެހީގައި އަޑުއިވުމާއި ފެނުން ސްކްރީން ކުރެވޭ ޚިދުމަތްތައްވެސް ޤާއިމްކޮށްފައި. އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް ހުސައިން ވިދާޅުވިއެވެ.

އޯޓިޒަމް ހުންނަ ކުދިން ބަލަހައްޓަމުންގެންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނެރުނު ފޮތުގައި ވަނީ އޯޓިޒަމް ދެނަގަތުމަށް ބޭނުންކުރާ ޑީއެސްއެމް ފައިލް ދިވެހި ބަހުން ގެނެސްދީފައެވެ. އަދި މިއީ މިހާތަނަށް ރަސްމީ ސިފައެއްގައި މި ކްރައިޓީރިއާ ތައްޔާރުކޮށް ހުށައެޅި ފުރަތަމަ ފަހަރުއެވެ.

އޯޓިޒަމް ކުދިންގެ ފަރާތުން ފެންނަ ސިފަތަކަށް ފަރުވާތައް ދިނުމަށް ބޭނުންކުރާ ޕްރޮގްރާމެއްގައި ހުންނަން ޖެހޭ އަސާސީ ސިފަތަކާއި އޯޓިޒަމް ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށް ގިނަ ވާހަކަތަކާއި އެކުދިންނަށް ޓަކައި ގެވެށި މާހައުލު ތައްޔާރުކުރާނެ ގޮތްތައްވެސް މި ފޮތުގައި ގެނެސްދީފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މީގެ އިތުރުން ގޭގެ މާހައުލުގައި ކުދިން ބައިވެރިކުރުމާއި ކުދިންނާއި ބެލެނިވެރިންގެ ނަފްސާނީ ކަންކަމާ ގުޅޭ މަޢުލޫމާތުތައްވެސް ގެނެސްދީފައިވެއެވެ. އަދި އެފަދަ ކުދިންނަށް ހުނަރެއް ދަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަމާއި ބޮޑާހޭކުމުގެ ހާލަތް އަޔަނުދިނުމާއި އެކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައްތައްފަދަ މުހިއްމު މަޢުލޫމާތުތަކެއް ގެނެސްދީފައިވާނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.