ވިޔަފާރި

ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގުމުގެ ބަދަލުގެ ގޮތުގައި ރިސޯޓް ތަރައްޤީކުރަން ބިން ދޫކުރާ ޤަވާއިދެއް


ސަރުކާރުގެ މަޝްރޫއެއް ހިންގުމުގެ ބަދަލެއްގެ ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓް ތަރައްޤީކުރަން ރަށްރަށާއި ބިމާއި ފަޅު، މަޝްރޫއު ހިންގާ ފަރާތަށް ކުއްޔަށް ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

މި ގަވާއިދުގެ މަގުސަދަކީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނާ ގޮތަށް، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިސާދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމާއި ފަޅުތައް ދިނުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށާއި ބިމާއި ފަޅު ލިބޭނެ ޕްރޮޖެކްޓުތައް ރައީސްގެ ގަރާރަކުން ކޮންމެ އަހަރަކު އެއްފަހަރު ގެޒެޓްކުރަން ޖެހެއެވެ. އަދި ޕްރޮޖެކްޓު ހަވާލުކުރާ ފަރާތުން ބޭނުންވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ނެގުމުން އެތަން ކުއްޔަށް ދޭން ނިންމަވާނީ ރައީސް އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ލިސްޓުގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫއު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަތުމުގެ އިޚްތިޔާރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ތަނެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް
ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުން ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި، އެކުއިޒިޝަން ކޮސްޓާއި ބިމު ކުލީގެ މިންވަރު ނުވަތަ އެ މިންވަރު ހިސާބުކުރެވޭނެ އުސޫލު ބަޔާންކުރަންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ޤަވާއިދުގެ ސަބަބުން ފަތުރުވެރިކަމަށް އިންވެސްޓަރުން ހޯދާ ސަރުކާރުގެ އިޖްތިމާއީ އަދި ސިޔާސީ މަޝްރޫތައް ހިންގާނެ ފަރާތްތައް ހޯދުމަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.