ކުޅިވަރު

އޭއެފްސީ ކަޕްގެ އަސަރު ސާފް ޗެންޕިއަންޝިޕްގެ ތަމްރީންތަކަށް ނުކުރާނެ - ސުޒޭން


އޭއެފްސީ ކަޕްގައި މާޒިޔާއި ހޯދި ނަތީޖާތަކުގެ އަސަރު ގައުމީ ޓީމަށް ނުކުރާނެކަމަށް ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ. ގައުމީ ޓީމުން މިހާރު ތައްޔާރުވަމުންދަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށެވެ.

މިމަހުގެ 18 އިން 24 އަށް ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއެކު މާޒިޔާއިން ވަނީ އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގައި ވާދަކޮށް އެޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ގުރޫޕްގެ މެޗްތައް ނިންމާލިއިރު މާޒިޔާ އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު 0 ލަނޑުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުންވަނީ ބަލިވެފައެވެ. ދެ ވަނަ މެޗް 3 ލަނޑު 1 ލަނޑުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވިއިރު، އެޓީމު ވަނީ އިންޑިޔާގެ ބެންގަލޫރު އެފްސީ އަތުން ވެސް ބަލިވެފައެވެ. އެއީ 6 ލަނޑު 2 ލަނޑުންނެވެ.

ގައުމީ ކޯޗް ޢަލީ ސުޒޭން ބުނީ އޭއެފްސީ ކަޕަކީ ކުލަބް ލެވެލްގެ މުބާރާތެއްކަމަށާއި ކުލަބް މުބާރާތަކާއި ގައުމީ ޓީމް ކުޅޭ މުބާރާތް ތަފާތުވާނެކަމަށެވެ. ބެންގަލޫރު މެޗް ފިޔަވާ، މާޒިޔާއިން ގުރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗްގައި އެޓީމްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ސުޒޭން ބުނީ މިފަހަރު މާޒިޔާއަށް ކާމިޔާބީ ނުލިބުނަސް، މީގެ ކުރިން ރާއްޖޭގެ ޓީމުތަކުން ވަނީ އޭއެފްސީ ކަޕްގައި ރަގަނޅު ނަތީޖާތަކެއް ނެރެފައެވެ. ހާއްސަކޮށް ޢަރަބި ގައުމުތަކާއި ވާދަކޮށްގެން ރާއްޖޭގެ ޓީމްތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އާންމު ގޮތެއްގައި އޭއެފްސީ ކަޕްގައި ޓީމްތަކުން ނަތީޖާ ނެރެފައިވަނީ އެޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެންކަމަށާއި މެޗްތަކުން އެޓީމުތައް މޮޅު ކޮށްދިނުމުގައި ވެސް ބިދޭސީ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑުކަމަށް ސުޒޭން ބުންޏެވެ. ނަމަވެސް މިވަގުތު ރާއްޖޭގައި ތިބި ކުޅުންތެރިންގެ ހުނަރާއި ގާބިލްކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށާއި މިސަރަހައްދުގެ ޓީމްތަކުގައި ވަކި ރާއްޖޭގެ ކުޅުންތެރިންނަށް ވުރެއް ތަފާތު މޮޅު ކުޅުންތެރިއެއް ނުހުންނާނެކަމަށް ގައުމީ ކޯޗް ސުޒޭން ބުންޏެވެ.

"އޭއެފްސީ ކަޕްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ތިބޭފުޅުންނަށް ފާހަގަކުރެވުނުތޯ މިސާލަކަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ބަންގްލަދޭޝްގެ ކުޅުންތެރިއެއް ތަފާތު މޮޅު ކުޅުންތެރިއެއް. ނުވަތަ ރާއްޖޭގެ ކުޅުންތެރިނަށް އެޓީމުތަކުން. އެމުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ، ނަމަވެސް ނަތީޖާ ނިކުތީ ބިދޭސީ ކުޅުންތެރިންގެ ތަފާތުކަމުގެ ސަބަބުން. މީގެއިން ކޮންމެ ޓީމެއްގައިވެސް ތަފާތު ދައްކާފައިވަނީ ބިދޭސީ ކުޅުންތެރިން. އެއިން ކުޅުންތެރިއެއްގެ މުސާރަވެސް އުޅޭނީ 20 ނުވަތަ 22 ހާސް ޑޮލަރުގަ. ރާއްޖެއަށް ގެންނަ ކުޅުންތެރިން މިއުޅެނީ 2ހާސް ނުވަތަ 3ހާސް ޑޮލަރުގެ މުސާރައެއްގަ. އެހެންވީމަ އެގޮތަކަށް ރާއްޖޭގެ ކުޅުންތެރިންނާއި އެހެންގަމުންގެ ކުޅުންތެރިންނަކާއި އަޅާނުކިޔޭނެ. މާޒިޔާގެ ނަތީޖާގެ އަސަރެއް ކޮށްފާނެކަންނޭނގެ މާޒިޔާ ކުޅުންތެރިންނަށް، ނަމަވެސް މިއަންނަ މަހުގެ ފަހު ކޮޅަށް ދާންވާއިރަށް އެކަން މުޅިހެން ފޮހެލާނަން. މިކޯޗިން ޓީމާއެކު އެކަން ކުރެވޭނެކަން ޔަގީން." ކޯޗް ސުޒޭން ބުންޏެވެ.

ސާފެ ޗެންޕިއަންޝިޕް މާލޭގައި ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1ކުން 16އަށެވެ. ފަސް ޓީމާއެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.