ޚަބަރު

އއ.އުކުޅަހު ބިން ހިއްކަން ފަށާނީ އަންނަ އަހަރު ޖުލައިގައި: އެމްޓީސީސީ


އއ.އުކުޅަހަކީ ރަށުގެ ބިން ފުރި، ބޯހިޔާވަހިކަމާއި އަދި އިޤްތިޞާދީގޮތުންވެސް ރަށަށް ލިބެންވާ ކުރިއެރުމަށް ހުރަސްއެޅިފައި އޮތް ރަށެކެވެ. 21 ހެކްޓަރުގެ އުކުޅަހުގެ އާބާދީ 1200 އަށް އަރައެވެ. އެ ރަށަކީ ރަށު ފަތުރުވެރިކަމުގަވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަވާ ރަށެކެވެ. 30 އަށްވުރެ ގިނަ ގެސްޓްހައުސް ރަށުގަ ހިންގަމުން އަންނައިރު، ރަށުގެ އާއިލާތަކަށް ބޮޑު އާމްދަނީއެއްވެސް ލިބެނީ މި މަސައްކަތުންނެވެ. ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްވެސް އެރަށަށް ވަނީ ހުރަސްއެޅިފައެވެ.

އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވީ އެރަށުން ގޯތި ދޫނުކުރާތާ 25 އަހަރުވެފައިވާކަމަށެވެ. މިކަމާއި ގުޅިގެން އެއް ގެއެއްގެ ތެރޭގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށާއި އަދި ރަށުން އިތުރަށް ގޯތި ދޫނުކުރެ ވިވަނީ ބިން ނެތުމުގެ ސަބަބުންކަމަށް ޝައުކަތު ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ މިވަގުތުވެސް ރަށުގައި އަމިއްލަ ގޯއްޗެއް ބޭނުންވާ 200އަށްވުރެ ގިނަ އާއިލާ އެބަތިއްބެވެ. އެރަށުގައި މިވަގުތު 258 ގޭގައި މީހުން ދިރިއުޅެއެވެ. ނަމަވެސް އެއް ގެއެއްގެ ތެރޭގައި އެތައް އާއިލާތައް ދިރިއުޅެމުން އާދެއެވެ.

"އެންމެ ފަހުން ގޯތި ދޫކުރިއިރުވެސް 1000އަކަފޫޓުވެސް ނުލިބެ. އެއް ގެއެއްގަ ކުދިކުދި ކޮޓަރީގަ ގިނަ އާއިލާތައް އުޅެނީ. ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ގެދޮރު ނެތް އާއިލާތަކަށް ގެދޮރު ލިބި އަދި އިންޑަސްޓްރިއަލް މަސައްކަތްތައް އެ ސަރަޙައްދަށް ބަދަލުކޮށް އާ ވިޔަފާރިތައް އައުމުގެ ފުރުސަތުވެސް ހުޅުވޭނެ." ޝައުކަތު ވިދާޅުވިއެވެ.

ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން، އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ކޮވިޑް ޙާލަތާ ގުޅިގެން ބިން ހިއްކުންފަދަ މަސައްކަތްތަކަށް ބޮޑު މަޑުޖެހުމެއް އައިކަމަށެވެ. ނަމަވެސް މިހާރު އަލުން ކުންފުނީގެ މަސައްކަތްތައް ފަށައިގަނެފަވާކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެކި ރަށްރަށުގައި ޑްރެޖަރު ބޭނުންކޮށްގެން ކުރާ ގިނަ މަސައްކަތަތްކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ފަށާނެކަމުގެ ޔަގީންކަން އެމްޓީސީސީގެ ސީއީއޯ ވަނީ ދެއްވަފާއެވެ.

"އެމްޓީސީސީއާ 8 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފަވޭ. ކުންފުނިގަ 3ޑްރެޖަރުން އެބަ މަސައްކަތް ކުރަން. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އަންނަ އަހަރުގެ ޖުލައިހިސާބުގަ އުކުޅަހަށް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެވި މަސައްކަތް ފަށާނަން. އަދި މަސައްކަތް ފަށާތާ 2މަސްތެރޭ މުޅިން ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފަވަނީ އުކުޅަހުގެ ބިން ހިއްކުމާއި، އަދި ހިއްކާ ސަރަޙައްދު ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކުރުމުގެ މަސައްކަތެވެ. އުކުޅަހުން 10 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 71 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކުރީ 8 މަސްދުވަހުން ނިންމާގޮތަށެވެ.