ޚަބަރު

ސީމެގް އެޖެންޑާގައި ރާއްޖޭގެ މައްސަލަ ހިމަނަން ނިންމާފައެއް ނުވޭ


ދިވެހިރާއްޖޭގެ މައްސަލަ ކޮމަލްވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ހިމެނުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ދިވެހި ސަރުކާރުން ދޮގު ކުރައްވައިފިއެވެ.ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ، ސީމެގްގެ އެޖެންޑާގައި ދިވެހިރާއްޖޭގެ މައްސަލަ ހިމެނުމަށް، މޯލްޓާގައި ނިމިގެންދިޔަ ކޮމަންވެލްތް ސަމިޓުގައި ނިންމާފައި ނުވާކަމަށާއި، ކޮމަންވެލްތުގެ އެއްވެސް އިދާރާއަކުން މިކަމާއި ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައްވާފައި ނުވާކަމަށެވެ. އަދި، ކޮމަންވެލްތް ސަމިޓުގައި ނިންމާފައިވާ ކަންތައްތަކާއިބެހޭ އެއްވެސް ރިޕޯޓެއްގައި ދިވެހިރާއްޖޭގެ އެއްވެސް މައްސަލައެއްގެ ވާހަކަ ހިމަނާފައި ނުވާކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.މީގެ އިތުރުން، ނޮވެމްބަރު މަހުގެ ފަންސަވީސްވަނަ ދުވަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެއިން އިސްނަގައިގެން ޤައުމުގެ ސިޔާސީ މަޞްރަހާއިބެހޭ ގޮތުން މަޢުލޫމާތު ޙިއްޞާކޮށްފައިވާކަންވެސް ދިވެހި ޚާރިޖިއްޔާއިން ފާހަގަކުރައްވައެވެ.ދިވެހި ޚާރިޖިއްޔާއިން އިތުރަށް ވިދާޅުވީ، ކޮމަންވެލްތުގެ އަސާސްތަކާއި އެއް ގޮތަށް އެ ޖަމްއިއްޔާއަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރުން ދެމި އޮންނާނެކަމަށެވެ. އަދި، ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލުތައް ހަރުދަނާ ކުރުމުގައި ދިވެހި ސަރުކާރުން ކޮމަންވެލްތާއި އެފަދަ ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.