ކުޅިވަރު

ފަހު ވަގުތު ހާލަންގް ޖެހި ލަނޑުން ޑޯޓްމަންޑަށް މޮޅެއް


ޖަރުމަނު ލީގުގައި އާލިން ބްރައުޓް ހާލަންޑް ފަހު ވަގުތު ޖެހި ގޯލުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެއެވެ. ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗް ބޮރޫޝިއާ ޑޯޓްމަންޑް ކާމިޔާބުކޮށްފައިވަނީ ހޮފެންހަމް އާއި ވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ.

މިއީ ލީގުގައި އެޓީމް ހޯދި ދެވަނަ މޮޅެވެ. ލީގުގެ ދެވަނަ މެޗްގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިވެފައިވަނީ ފްރެއިބާގާ ވާދަކޮށްގެންނެވެ. މިމެޗް ބޮރޫޝިއާ ޑޯޓްމަންޑް ކާމިޔާބުކޮށްފައިވާއިރު، މިމެޗުން އެޓީމް މޮޅުވެފައިވަނީ ވަރަށް މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެންދިޔައިރުގައި، މިމެޗްގައި ފެނިގެންދިޔަ 5 ގޯލް ވެސް ފެނިގެން ގޮސްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ.

މެޗްގައި ގޯލެއް ޖަހާ އެންމެ ފުރަތަމަ ލީޑް ނެގީ ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮވާނީ ރޭނާއެވެ. މެޗްގައި ހޮފެންހަމުން ނަތީޖާ ހަމަހަަމަކުރީ މެޗްގެ 61 ވަނަ މިނިޓްގައި ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ގޯލުންނެވެ. ނަމަވެސް ހޮފެންހަމުން މިގޯލް ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ޑޯޓްމަންޑުން ވަނީ ގޯލެއް ޖަހާ މެޗްގައި އަލުން ލީޑް ނަގާފައެވެ. މިލަނޑު ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ބެލިންހަމްއެވެ. މެޗްގެ 90ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ހޮފެންހަމުން އަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުނަސް ޑާބޯއެވެ. މެޗް އެއްވަރުވެގެން ނިމެންދަނިކޮށް މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމަންޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ އާލިން ބްރައުޓް ހާލަންޑްވަނީ ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ބޮރޫޝިއާ ޑޯޓްމަންޑަށް ޔަގީންކޮށްދީފައެވެ. މިއީ ލީގުގައި ހާލަންޑް ޖެހި ތިންވަނަ ގޯލެވެ. މިމޮޅާއެކު އެޓީމު ވަނީ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ތިން މެޗުން ހޯދި ދެ މޮޅާއެކުއެވެ. ތާވަލްގެ ދެވަނައިގައި އޮތީ ވުލްފްސްބާގްއެވެ. އެޓީމަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.