ކުޅިވަރު

ނާޒިމާ ގައުމީ ޓީމަށް ވޮލީ ކުޅުން ހުއްޓާލައިފި


   މަޝްހޫރު ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ގައުމީ އަންހެން ވޮލީ ޓީމަށް ކުޅުން  ހުއްޓާލައިފިއެވެ. ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ނާޒިމާ ކުޅުން ހުއްޓާލާފައިމިވަނީ ދެ އަހަރު ދުވަހުގެ ބްރޭކަކަށްފަހު މިއަހަރު އެނބުރި ކުޅުމުގެ ތެރެއަށް އައިސް މުބާރާތްތަކެއްވެސް ކުޅެފައެވެ.ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން ނާޒިމާ ބުނީ އަމިއްލަ ދިރިއުޅުމަށް މިހާރު ވަގުތު ދޭން ޖެހޭވަރު ގިނަވުމުގެ އިތުރުން ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި މާ ބޮޑަށް ބިޒީވުމުން، ވޮލީއަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ވޮލީ ކުޅުން ހުއްޓާލީކަމަށެވެ. ވޮލީ ގައުމީ ޓީމުގައި ކުޅުންތެރިއެއްގެ ގޮތުން ދެން ނުފެންނާނެކަމަށާއި، އެހެންނަމަވެސް ކޯޗިންގެ ދާއިރާގައި މަދުން ނަމަވެސް ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ނާޒިމާ ބުންޏެވެ.ނާޒިމާ ބުނީ މިހާރު ގައުމީ ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އޭނާއަށް އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ހައްވާ ރާޝިދާކަމަށާއި، ގައުމީ ޓީމުގައި މިހާރު ތިބި ޒުވާން ކުޅުންތެރިން ކޯޗުންގެ އިރުޝާދާއިއެކު ރަނގަޅަށް މަސައްކަތްކޮށްފިނަމަ އަންހެން ވޮލީ ރަނގަޅު ހިސާބަކަށް ގެންދެވޭނެކަމަށެވެ.ނާޒިމާވަނީ ވޮލީގައި އެއްވެސް ކުޅުންތެރިއަކު ހޯދާފައިނުވާވަރުގެ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ކުޅިވަރު ކުޅުމާއި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް ނާޒިމާވަނީ ހޯދާފައެވެ. ޒުވާނުންގެ އިނާމްވެސް ހޯދާފައިވާ ނާޒިމާވަނީ ތިން ފަހަރު ހަވީރު ސްޕޯޓްސްގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި މީގެ އިތުރުން ނާޒިމާވަނީ ސަން އެފްއެމްގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑްވެސް ދެ ފަހަރު އުފުލާލާފައެވެ. މި އެވޯޑްތަކުގެ އިތުރުން ނާޒިމާވަނީ އާފަތިހުން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.