ކުޅިވަރު

ގައުމު އެއްބައިވަންތަ ކުރުވަން ބޭނުން - ބައްސާމް


ކޯވިޑް-19ގެ ހިތްދަތިކަމުގެ ތެރެއިން ސާފް ޗެންޕިއަންޝިޕް މެދުވެރިކޮށް ގައުމު އެއްބައިވަންތަ ކުރުވަން ބޭނުންވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ ނޭޕާލާ ވާދަކޮށްގެންނެވެ. ރާއްޖެއަށް މިފުރުސަތު ލިބުނީ މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑު ފެތުރޭ މިންވަރު ރާއްޖޭގައި ދަށްވުމާއި، ރާއްޖޭގެ ބޮޑު އަބާދީއަކަށް ވެކްސިން ޖަހާފައިވުމުގެ ސަބަބުންނެވެ. ކޯވިޑްގެ ސަބަބުން އަދިވެސް މިސަރަހައްދުގެ ގިނަ ގައުމުތަކަށް އަރައިގެނެވޭގޮތް ވަނީ ނުވެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުޓްބޯޅައަކީ އަބަދުވެސް އެންމެން އެއްބައިވަންތަ ކުރުވާ ކުޅިވަރެއްކަމަށާއި ރާއްޖޭގެ ތާރީހުން އެކަން ފެންނަން އޮބައޮތްކަމަށެވެ. އަދި މިފަހަރުގެ ސާފް ޗެންޕިއަންޝިޕާއެކު އެއްމެން އެކަތިގަޑަކަށް ހަދައި، ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުމަކީ އެފްއޭއެމްއާއި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވާކަންކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް ނިންމާފައިވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިކަމާއި ގުޅިގެން ބައްސާމް ވިދާޅުވީ މިމަހުގެ 18 އިން 24 މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ މެޗްތަކުގެ ތެރެއިން އެއްވެސް ޓީމެއްގެ ކުޅުންތެރިއެއް އަދި އޮފިޝަލަކުވެސް ކޯވިޑް-19އަށް ފައްސިވެފައިނުވާކަމަށާއި އޭއެފްސީ ކަޕްގެ ގުރޫފް ޑީގެ މެޗްތައް މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ރައްކާތެރިކަމާއެކު، ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންކަމަށެވެ. ބާއްސާމް ވިދާޅުވީ ސާފް ޗެންޕިއަންޝިޕް ވެސް މާލޭގައި ކުރިއަށްދާނީ ވަރަށް ހަރުކަށި ގައިޑްލައިނެއްގެ ދަށުންކަމަށާއި ކޮންމެ ޓީމެއްވެސް މާލެއަށް އެތެރެވެވޭނީ ޓެސްޓްކޮށް، ނަތީޖާ ނެޖެޓިވް ވުމުންކަމަށާއި އަދި އެޓީމުތައް ތިބޭނީ ވެސް އެކަހަރިވެގެންކަމަށެވެ.

2008ވަނަ އަހަރު އަދި 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދިއިރު، އާންމު ރައްޔިތުންގެ ފަރާތުން ފެނުނު އުފާވެރިކަން މިފަހަރުވެސް ފެންނަން ބޭނުންވާކަމަށާއި ގައުމީ ޓީމުން މި މުބާރާތުގެ ތަށި ދިފާޢުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ. އަދި ގައުމީޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވަނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭންކަމަށް ބައްސާ ވިދާޅުވިއެވެ.

"ކޯވިޑް-19ގެ ސަބަބުން ގައުމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ މިދަނޑިވަޅުގައި، ރައްޔިތުންތަކެއް މާޔޫސްވެފައި ތިއްބާ މިލިބުނު ފުރުސަތާއެކު އުފާވެރިކަން ގެނެސްދޭން ބޭނުން. އަބަދުވެސް ފުޓުބޯޅައަކީ އެންމެ އެއްބައިވަންތަ ކުރުވާ ކުޅިވަރެއް. މީގެ ކުރިން އެކަން އެބައޮތް ފެންނަން. އަދި މިފަހަރުގެ މުބާރާތުގައި ރައްޔިތުންގެ ސަޕޯޓް އިތުރަށް ބޭނުންވާނެ، އެއީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައި މިމުބާރާތައް ނިކުންނާތީ. އަދި މާލޭގައި މުބާރާތް ބާއްވާއިރު، ތަށި ދިފާއު ކުރުމަކީވެސް އިތުރު ޕްރެޝަރެއް. ނަމަވެސް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއެކު މިއީ ރާއްޖޭގެ ޓީމަށް ނުވާވަރުގެ ކަމެއް ނޫން. ޓީމަށް ބޭނުންވަނީ އެންމެންގެ ހެޔޮދުއާއި ސަޕޯޓް." ބައްސާމް ވިދާޅުވިއެވެ.

ސާފެ ޗެންޕިއަންޝިޕް މާލޭގައި ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1ކުން 16އަށެވެ. ފަސް ޓީމާއެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.