ކުޅިވަރު

މިވަގުތު ބޭނުންވަނީ އެންމެ މޮޅު ޓީމު ނަގަން - އިލްޔާސް


ޒުވާން ޓީމެއް ނެގުމުގެ ބަދަލްގައި މިވަގުތު ގައުމީ ބާސްކެޓް ޓީމަށް ނަގަން ނިންމާފައިވަނީ މިވަގުތަށް އެންމެ ރަގަނޅު ކުޅުންތެރިންކަމަށް ގައުމީ ބާސްކެޓް ޓީމްގެ ހެޑް ކޯޗް އިލްޔާސް އިބްރާހިމް ބުނެފިއެވެ. ގައުމީ ބާސްކެޓް ޓީމަށް ކުޅުންތެރިން ހޮވުމަށް ގައުމީ ބާސްކެޓް ޓީމުގެ ކޯޗިން ސްޓާފުންދަނީ 2 ދުވަހުގެ ޓްރައިއައުޓް ބާއްވަމުންނެވެ. މި ޓްރައިއައުޓަކީ 2 އަހަރެއްހާ ދުވަހު ވާދަވެރި ބާސްކެޓް މުބާރާތެއް ނުކުޅެ ތިބެފައި ކުޅުންތެރިން ހޮވާއިރު، އެންމެ ރަގަނޅު ކުޅުންތެރިން ހޮވުމަށް ކުރިއަށްގެންދާ ޓްރައިއައުޓެއްކަމަށް ގައުމީ ބާސްކެޓް ޓީމްގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުންޏެވެ.

ކޯވިޑް-19އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބާސްކެޓް މުބާރާތްތަކެއް ކުރިއަށް ނުގެންދެވިފައިވާއިރު، އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓްރައިއައުޓުގައި ބައިވެރިވުމަށް ޒުވާން ގިނަ ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އެންމެ ފަހުން ގައުމީ ޓީމް ވާދަކޮށްފައިވަނީ ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. މިހާރު ގައުމީ ޓީމް ތައްޔާރުވަމުންދަނީ ނޮވެންބަރު މަހުގައި އޮންނަ ސާބާ ބާސްކެޓް ބޯޅަ މުބާރާތަށެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ކުރިއަށްގެންދާ ޓްރައިއައުޓާ ބެހޭގޮތުން ވާހަކަދައްކަމުން ކޯޗު އިއްލެބުނީ ގައުމީ ޓީމަށް ކުޅެފައިވާ ބައެއް ސީނިއަރ ކުޅުންތެރިން މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާކަމަށާއި އަދި އަނެއްބައި ކުޅުންތެރިންނަކީ މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ހިސާބުގައިވާ ކުޅުންތެރިންކަމަށެވެ. ގައުމީ ޓީމްގައި ވީހާވެސް ގިނަ ޒުވާން ކުޅުންތެރިން ހިމެނުމަކީ މުސްތަގްބަލަށް ބަލާއިރު ވަރަށް ރަގަނޅު ކަމެއްކަމަށާއި ނަމަވެސް ސާބާ މުބާރާތް ނޮވެންބަރު މަހުގައި އޮތުމާއެކު، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒުވާން ޓީމެއް ބިނާ ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް، ކޯޗް އިއްޔާސް ބުންޏެވެ. އަދި ހާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ކުޅުންތެރިން ތިބުމާއެކު، މިވަގުތު އެންމެ ބޮޑަށް ބަލަނީ ވީހާވެސް ރަގަނޅު ކުޅުންތެރިންތަކެއް ނަގަންކަމަށް އިލްޔާސް ބުންޏެވެ.

"މިތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ކުޅުމަށް ބަލާނީ. އެކިގޮތްގޮތަށް ކުޅުމަށް ބަލާނީ، މޮޅެތި ކުޅުންތެރިންނައި މޮޅެތި ކުޅުންތެރިން އެއް ޓީމަކަށް ލައިގެން، ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިން އެއް ޓީމަކަށް ލައިގެން އަދި ޒުވާން ކުޅުންތެރިންނާއި މޮޅެތި ކުޅުންތެރިން ވާދަކުރާ ކުރާނެ މިޓްރައިއައުޓްގަ. އެކި ގޮތްގޮތަށް މެޗް ކުޅުމާއި އެކިކަހަލަ ޑްރިލް ހެދުން ހިމެނޭނެ. އޭގެ ތެރޭގައި ބާސްކެޓް މެޗެއްގައި ހިގާނެ ހުރިހާކަމެއް މިތިން ދުވަހުގެ ޓްރައިލްގެ ތެރޭގައި ހިނެނޭނެ. ޝޫޓިން ހިމެނޭނެ، ފްރީ ތުރޯ ހިމެނޭނެ، ވަން އޮން ވަން ހިމެނޭނެ، ޓޫ އޮން ޓޫ ހިމެނޭނެ، ތްރީ އޮން ތްރީ ހިމެނޭނެ، ޓްރާންސިޝަން، ފާސް ބްރޭކް ހިމެނޭނެ. މިކަންކަމަށް ބަލާފަ އެންމެ ރަގަނޅު ކުޅުންތެރިން ސްކޮޑަށް ނަގާނީ." ގައުމީ ބާސްކެޓް ޓީމުގެ ކޯޗް އިލްޔާސް ބުންޏެވެ.

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުންވަނީ ގައުމީ ބާސްކެޓް ޓީމުގެ ކޯޗިން ސްޓާފުންނަށް ދިވެހި ކޯޗުން ހަމަޖައްސާފައެވެ. ހެޑް ކޯޗަކަށް އިލްޔާސް ހަމަޖައްސާފައިވާއިރު، އިއްލްޔާސާއެކު އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލް އާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީ އާއި މުޙައްމަދު ނަސީރުއެވެ. މިއީ މިހާތަނަށް ގައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.