ސިޔާސީ

ރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭ ގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. ފޮރިން މިނިސްޓަރ ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ އދ.ގެ ޢާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިޞިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ބޮޑުވަޒީރު ސޫގާ އަށާއި، ޖަޕާން ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޖަޕާނުން އެކި ދާއިރާތަކުން، ޚާއްސަކޮށް ކޯވިޑްގެ ދުވަސްވަރު، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާއިރު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު، މިނިސްޓަރ ޝާހިދު ވަނީ ބޮޑޫވަޒީރު ސޫގާ އަށް ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް ބައިވެރިވެވަޑައިގަތެވެ.


ޖަޕާނުގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރ މޮޓޭގީ ޓޮޝިމިޓްސޫއާ ވެސް ވަނީ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޖަޕާނު ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތަކުގައި ޖަޕާނުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތްގުޅުން މިހާރަށްވުރެ ފުޅާކުރެވޭނެ ގޮތްތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އދ. ގެ ކުރިއަށްއޮތް އާއްމު މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުން އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރާއި ޙާޞިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކާގުޅޭގޮތުންވެސް ޖަޕާނުގެ ފޮރިން މިނިސްޓަރަށް މަޢުލޫމާތު އަރުވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ ވަނީ ޖަޕާނުގެ ސީނިއަރ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޔަމަޑާ ޝިޖިއޯއާއިވެސް ބައްދަލުކުރައްވާފައެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭގޮތުން ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެހެންމެ ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޕެރެލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެތުލީޓުންނާއި ރާއްޖޭގެ ޑެލިގޭޝަންގެ މެންބަރުންނާއި ވަރޗުއަލްކޮށް ފޮރިން މިނިސްޓަރ ވަނީ ބައްދަލުކުރައްވާ ރާއްޖޭގެ ޓީމަށް ހިތްވަރުދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ "ޖަޕާން މޯލްޑިވްސް ޕާލިމެންޓްރީ ފްރެންޑްޝިޕް ލީގް"ގެ ބައެއް މެންބަރުންނާވެސް މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އދ.ގެ އާއްމު މަޖިލީހާމެދު މިނިސްޓަރ ގެންގުޅުއްވާ ތަޞައްވަރު ޖަޕާނުގެ ބައެއް މީޑިއާތަކާވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

އދ. ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޖަޕާނަށް މިކުރައްވާ ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.