ވިޔަފާރި

ކްރޮސްރޯޑްސް އާއްމުންނަށް އަލުން ހުޅުވާލަނީ


ކްރޮސްރޯޑްސް މޯލްޑިވްސް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް އަލުން ހުޅުވާލަން ނިންމައިފިއެވެ.

އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް، ކޯވިޑާއި ގުޅިގެން އާއްމުންނަށް ބަންދުކުރީ މިދިޔަ އަހަރުތެރޭއެވެ. އާއްމުންނަށް އަލުން ހުޅުވާލަން ނިންމާފައިވާއިރު، ކޯވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި އެގޮތުން ރިސޯޓަށް އަރާ އަދި ފައިބާ ސަރަޙައްދުގައި ޓެމްޕަރޭޗަރ ޗެކް ކުރުމުގެ އިތުރަށް އާއްމު ތަންތަން ގިނަގިނައިން ޑިސްއިންފެކްޓު ކުރުން ހިމެނޭ ކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ.

އާއްމުންނަށް ކްރޮސްރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ. ކްރޮސްރޯޑްސްއަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ކްރޮސްރޯޑްސް މޯލްޑްސް މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. މާލެއިން 15 މިނެޓުން ކްރޮސްރޯޑްސްއަށް ދަތުރުކުރެވޭއިރު އާންމުން ޝަޢުޤުވެރިވާ ގިނަ ތަންތަން އެތަނުގައި ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރޭގައި މަޝްހޫރު ފެޝަން ބްރޭންޑްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ހިމެނޭ މަރީނާ ބޭއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ 2 ރިސޯޓު ތަރައްޤީކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފީ ތަރިކަ ދައްކުވައިދޭ ކަލްޗަރަލް ސެންޓަރަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހަދާފައިވާ މެރިން ބަޔޮލޮޖިކަލް ސެންޓަރެއް ވެސް ކްރޮސްރޯޑްސްގައި ހިމެނެއެވެ.

އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ތައިލެންޑްގެ މަޝްހޫރު ކުންފުނި ސިންގހާ އެސްޓޭޓުން 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.