ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫޢަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭނެ ބިނާއެއް: ޝާހިދު


ތިލަމާލެ ބްރިޖް މަޝްރޫޢަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށް ވިދާޅުވެ އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ، އިންޑިއާގެ މާލީ އެހީއާއެކު އަޅާ މި ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗަރއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓާ ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަޚުރެއްކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އިސްކަން ދޭނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.