ޚަބަރު

ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޕޫލެއް ހަދަނީ


ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޕޫލެއް ތަރައްގީކުރަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ. އެޗްޑީސީންވަނީ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
----
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މަސައްކަތް ކުރަމުންދަނީ، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އާއްމުންނަށް ހިތްފަސޭހަ މާޙައުލެއްގެ ގޮތުގަ އެތަން ތަރައްޤީކުރުމަށެވެ. އެގޮތުން ޕާކުތަކާއި މައިޒާންތައް ތަރައްޤީކުރުމާއި އަދި ހުސް ޖާގަތަކަކީވެސް ފެހި، ހިތްފަސޭހަ ތަންތަނަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެއަކީ ރަށެއް ތަރައްޤީކުރުމުގެ ކޮންސެޕްޓްގައި އައު އެތައް ކަމެއް ފެންނަމުންދާ ސިޓީއެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އަނެއްކާވެސްމިވަނީ ހުޅުމާލޭގައި މުޅިން އައު މަސައްކަތެއް ކުރުމަށް ހުޅުވާލާފައެވެ. އެޗްޑީސީންވަނީ ހުޅުމާލޭގައި "ޕޫލް ކްލަބް"އެއް ހެދުމަށް ނިންމާފައެވެ. މި ޕޫލް ކްލަބަކީ ހުޅުމާލޭގެ ރުއްގަނޑު 2 ސަރަޙައްދުގައި ހަދާ ފަތާ ފެންގަނޑެކެވެ. އެޗްޑީސީން ބުނީ މި ޕޫލް ކްލަބަކީ އާއްމުކޮށް އެންމެނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ތަރައްޤީކުރާ ތަނެއްކަމަށެވެ.

ޕޫލް ކްލަބް ހެދުމަށް 6000 އަކަފޫޓުގެ ބިމެއް ރުއްގަނޑު 2 ސަރަޙައްދުންވަނީ ކަނޑައަޅާފައެވެ. މިތަނުގައި ޕޫލްގެ އިތުރަށް، ޕޫލް ބޭނުންކުރާ މީހުންގެ ތަކެތި ރައްކާކުރުމަށް ލޮކަރާއި، ފެންވަރާނެ ފާޚާނާ ބަރިވެސް ހަދަންޖެހެއެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރާ ތަނެކެވެ.

ޕޫލް ކްލަބެއް ތަރައްޤީކުރުމަށް ބިން ކަނޑައަޅާފައިވަނީ ކެފޭ/ރެސްޓޯރަންޓެއް ހިންގާނެ ޖާގައާ އެކުއެވެ.

ހުޅުމާލެ ރުއްގަނޑު ސަރަޙައްދަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ތަރައްޤީކުރަން ފަށާފައިވާ ތަނެކެވެ. އެގޮތުން 2019ވަނަ އަހަރު އެތާނގައިވަނީ އާއްމު ފާޚާނާ ބަރިއަކާއި މޫދަށް އެރޭ މީހުން ފެންވެރުމަށް ބޭރުގައިވެސް ފެންމާގަނޑު ބަހައްޓާފައެވެ.

ރުއްގަނޑު 2 ސަރަޙައްދަކީ މިހާރު ހުޅުމާލޭގައި މޫދަށް އެރުމަށް އާއްމުން އެންމެ ގިނައިން ބޭނުންކުރާ ސަރަޙައްދެވެ. އެހެންކަމުން މި ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަކީ އެޗްޑީސީން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

ރުއްގަނޑު ސަރަޙައްދުގައި ޕޫލެއް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ. މި ޕްރޮޖެކްޓްގެ މަޢުލޫމާތު ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ. ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމުގައި، ބައިވެރިވާން ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މި ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހުށައަޅަންޖެހޭ ދުވަހަކީ އަންނަ ސެޕްޓެމްބަރުމަހުގެ 27ވަނަ ދުވަހުގެ 13:00އާ، 14:00އާ ދެމެދުއެވެ.

ޕޫލް ކްލަބް ހެދުމުގެ މަޝްރޫޢަށް 8.9މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެޗްޑީސީންވަނީ ލަފާކޮށްފައެވެ.