ކުޅިވަރު

ރަގަނޅު އަގެއް ލިބިއްޖެނަމަ ރޮނާލްޑޯ ވިއްކާލަން ތައްޔާރު - ޔުވެންޓަސް


ޔުވެންޓަސްއިން އެޓީމު ބޭނުންވާ އަގު ލިބިއްޖެކަމަށްވާނަމަ، ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ތައްޔާރަށް އޮތްކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. މިޑީޔާތަކުން ރިޕޯޓް ކުރާގޮތުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ބޭނުންވަނީ އޭނާ ބޭނުންވާ ވަރުގެ ކާމިޔާބިއެއް އެޓީމާއެކު ހޯދިފައިނުވުމާއި ކުލަބުގައި މަޑުކުރަން ބޭނުން ނުވާތީއެވެ.

ރޮނާލްޑޯ ރިއަލް މެޑްރިޑުން ޔުވެންޓަސްއަށް ބަދަލުވީ 2018ވަނަ އަހަރު 100 މިލިއަން ޔޫރޯއަށެވެ. ކުލަބް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވެފައިވާއިރު އޭނާ ގެންދިއުމަށް ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ދިއުން އެންމެ ގާތީ ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށެވެ. ނަމަވެސް ޕީއެސްޖީގެ ތަރި ކީލިއަން އެމްޕާޕޭ އެޓީމު ދޫކޮށްލައިފިނަމަ، ޕީއެސްޖީއިންވެސް ރޮނާލްޑޯ ބޭނުންވާނެކަމަށް ބެލެވެއެވެ.

ސިޓީއިން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރާކަން މީޑިޔާތަކުން ރިޕޯޓުކޮށްފައިވާއިރު، ސިޓީއިން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮނާލްޑޯ ހޯދުމަށެވެ. ނަމަވެސް ޔުވެސްޓަސްއިން ބޭނުންވަނީ ޓްރާންސްފަރ ފީއެއްގެ ގޮތުގައި އެންމެ މަދުވެގެން 25 މިލިއަން ޕައުންޑްކަމަށްވެސް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

ރޮނާލްޑޯވަނީ އޭނާގެ މުސްތަގްބަލާއި ބެހޭގޮތުން އެކި ފަރާތްފަރާތުން އެކި ވާހަކަދައްކާތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. ޔުވެންޓަސްއަށް ރޮނާލްޑޯ ކުޅެދިން 134 މެޗުގައި 101 ލަނޑު ޖަހާފައެވެ.