ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގެ ޝަރީއަތް ސިއްރު


މިދިޔަ ޖޫންމަހުގެ ތެރޭގައި ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. ކޯޓުތަކުން ކުޑަކުދިންނާއި ގުޅުންހުރި މިފަދަ މައްސަލަތައް އާންމުކޮށް ކުރިއަށް ގެންދަނީވެސް ސިއްރުކޮށްގެންނެވެ.

13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށާއި، 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށެވެ. ޒީހާންގެ މައްޗަށް މައްޗަށް 13 ދައުވާއެއް ވަނީ އުފުލައިފައެވެ. ޒިހާންއަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލާފައި ފޮއްޓަކަށް ލާފައި، އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ.