ޚަބަރު

އިތުރު 363 މީހުން، ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


އިތުރު 363މީހުން، ކޯވިޑް ވެކްސިންގެ ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދުވަނީ 300،000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު 3100 އަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެތެރެއިން 363 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 175 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 188 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 300،427އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަދުވަހު 2749 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރައްދުން ފުރަތަމަ ޑޯޒް ޖެހި 995 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 1754 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 379،379އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީ ތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.