ޚަބަރު

ވެކްސިންގެ ފުރަތަމަ ޑޯޒް 30 ހާހަށްވުރެ ގިނަ ދަރިވަރުން ޖަހައިފި


ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް 30 ހާހަށްވުރެ ގިނަ ދަރިވަރުން ޖަހައިފިއެވެ.
ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ 181 ސްކޫލަކުން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން، މިހާތަނަށް 30109 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާ މަރުކަޒުތަކުގައި ދަރިވަރުން ކިއޫގައި ޖެހެން ނުޖެހޭނެއެވެ. އެމިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19އާ ގުޅިގެން ފާއިތުވެދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިމަހުގެ 10ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ ކުރިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އިތުރަށް ވެކްސިން ނުޖަހާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭގޮތަށް ހެދުމަށް މިނިސްޓްރީންވަނީ ނިންމާފައެވެ.