ކުޅިވަރު

ކަޒޯލާ 4 މަސް ދުވަހަށް ކުޅުމާއި ދުރަށް


   އަނިޔާގެ ސަބަބުން މިޑްފިލްޑަރ ސަންތީ ކަޒޯލާއަށް ކުރިއަށް އޮތް ހަތަރު މަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.ލީގުގައި މިދިޔަ ނޮވެމްބަރ މަހު ނޯވިޗާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ކަޒޯލާވަނީ މިދިޔަ ހަފްތާގައި ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ ޔަގީނުންވެސް ކުރިއަށް އޮތް ތިން މަހު ކަޒޯލާ ދަނޑުމަތިން ނުފެންނާނެކަމަށާއި، އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ހަތަރު މަސް ވަރު ނަގާނެކަމަށެވެ. އުމުރުން ތިރީސް އަހަރުގެ ކަޒޯލާއަށް މި ސީޒަންގެ ފަހު ކޮޅު ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް އުއްމީދުކުރާކަމަސްވެސް ވެންގާ ބުންޏެވެ. "މަދުވެގެން ތިން މަސްދުވަސް ނަގާނެ އޭނަ ފަރިތަކުރުންތަކަށް ނިކުންނަން، މެޗެއް ކުޅެވޭވަރުވާނީ ހަތަރު މަސް ފަހުން. ސީޒަންގެ ފަހުކޮޅު ކަޒޯލާގެ ބޭނުން ހިފޭނެކަމަށް އުއްމީދުކުރަނީ" ވެންގާ ބުންޏެވެ.ދެހާސް ބާރާވަނަ އަހަރު ސްޕެއިންގެ މަލާގާއިން އާސެނަލްއަށް ބަދަލުވުމަށްފަހު ކަޒޯލާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އާސެނަލްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ކަޒޯލާވަނީ މިހާތަނަށް އާސެނަލްއަށް 114 މެޗް ކުޅޭދީފައެވެ.