ސިއްހަތު

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން 30 ސްކޮލަރޝިޕަށް ހުޅުވާލަނީ


ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުޞަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޯވިޑް-19އާއެކު ކުރިމަތިވި އިޤްތިޞާދީ ދަތި އުނދަގުލުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެންނަމަވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުންކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ދޫކުރާ ސްޓޫޑެންޓް ލޯނު ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި، ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައިއެޗީވަރސް ސްކޮލަރޝިޕްވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ރޮނގުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއެކު މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަމަށާއި އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ވަރަށް އަވަހަށް މި ދާއިރާއިން މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރި. އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް. މެންޓަލް ހެލްތުގެ ދާއިރާއިން ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުޞަތު، މާތް ﷲގެ އިރާދަފުޅާއެކު، ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މީހުން ބިނާކުރުމާއި، ތަޢުލީމާގުޅޭ މުހިއްމު ޕްރޮގްރާމްތައް ހުއްޓާނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ދަރިންނަށް ރަނގަޅު ތަޢުލީމުދީ، މީހުން ބިނާކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން މިކުރާ މަސައްކަތުގެ ނަތީޖާ މިއަދު ނުފެނުން ނަމަވެސް މިއަދު މިކުރާ ގޮވާމުގެ ފޮނިމީރުކަން، މާދަމާގެ ދިވެހި މުޖުތަމަޢުން ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީހުން ބިނާކުރުމަކީ، ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއްކަން ފާހަގަކުރައްވާ އެކަމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.