ކުޅިވަރު

ގުރޫޕްގެ އެންމެ ފުލުގައި އޮންނަން ބޭނުމެއް ނޫން - ވިޑަކޮވިޗް


އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވަނަ ބުރަށް ނުދެވުނު ނަމަވެސް ގުރޫޕްގެ އެންމެ ފުލުގައި އޮވެގެން ނިންމާލަން ބޭނުން ނުވާކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގައި މާޒިޔާ ކުނު ދެ މެޗުން ވެސް ބަލިވެ، އެޓީމަށްވަނީ ގުރޫޕްގައި ބާކީ އެއް މެޗް އޮއްވާ މުބާރާތް ނިމިފައެވެ. މި ގުރޫޕްގައި މާޒިޔާ އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން 2 ލަނޑު 0 ލަނޑުން ބަލިވެފައެވެ.

ދެވަނަ މެޗްގައި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އަތުން 3 ލަނޑު 1 ލަނޑުން ބަލިވެފައެވެ. ކޯވިޑާއި ގުޅިގެން އޭއެފްސީއިން މިފަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާއިރު، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެއްވަނައަށް ދާ ޓީމް އެކަންޏެވެ. މާދަމާ ރޭ ބެންގަލޫރު އާއި ވާދަކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗްތަކުގެ ނަތީޖާ ދިޔަގޮތުން ހިތްހަނަ ނުޖެހޭކަމަށާއި މިއީ އެންމެ ބޭނުންވި ގޮތް ނޫންކަމަށެވެ.

ބެންގަލޫރާއި ވާދަކުރާއިރު ގުރޫޕުގެ ތިންވަނައިގައި ބެންގަލޫރު އޮތްއިރު، މާދަމާ ރޭ ކުޅޭ މެޗުން ބެންގަލޫރުގެ މައްޗަށް ކުރި ހޯދައިގެން ގުރޫޕްގެ އެންމެ ފުލުން އަރައިގަނެ، ތާވަލްގެ ތިންވަނައަށް ޖެހިލުމުގެ ފުރުސަތު އޮތުމާއެކު މާޒިޔާއިން ނިކުންނާނީ މެޗުން 3 ޕޮއިންޓު ހޯދަންކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ. ކުޅުނު ދެ މެޗުން ބަލިވުމާއި ގުޅިގެން ކުޅުންތެރިން މޯޓިވޭޓު ކުރުމަކީ ވަރަށް އުނދަގޫކަމެއްކަމަށާއި ނަމަވެސް ކުލަބްގެ އަގު ހިފެހެއްޓުމަށް ބެންގަލޫރު ބަލި ކުރަންޖެހޭކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ. އަދި އާންމުކޮށް މާޒިޔާއިން ނެރޭ ފުރަތަމަ އެގާރައަށް ބަދަލްތަކެއް އަންނާނެކަމަށާއި މި ގުރޫޕުގައި މާޒިޔާއިން ކުޅުނު 2 މެޗުގައި ވެސް މަދުން ކުޅުމުގެ ފުރުސަތު ލިބިފައިވާ ކުޅުންތެރިންނަށް އިސްކަންދޭނެކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ.

"ދެ ޓީމުގެ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ދެރަވެފަ. ފައިޓް ކުރަންޖެހޭ ކަމެއް ނެތުމުން ކުޅުންތެރިންގެ ހިތްވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ. ގަބޫލް ކުރެވޭ ކުޅުންތެރިންގެ އިހުސާސްތައްވެސް. އެއް މަހަށް ވުރެއް ގިނަ ދުވަހު އެއްކޮށް އުޅުމަށްފަހު، މިފަދަ ގޮތަކަށް މުބާރާތް ނިންމާލަން ޖެހުމުން ވަރަށް ދެރަވޭ. ނަމަވެސް ޕްރޮފެޝަނަލްކޮށް ކުޅުންތެރިން އެބަޖެހޭ މަސައްކަތް ކުރަން." ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އާއި ބެންގަލޫރު ވާދަކުރާއިރު، މީގެ ކުރިން 6 ފަހަރު މި ދެ ޓީމް ވާދަކޮށްފައިވެއެވެ. ފުރަތަމަ 4 މެޗް ބެންގަލޫރު ކާމިޔާބުކުރިއިރު، އެންމެ ފަހުން ކުޅުނު 2 މެޗުގައިވެސް މާޒިޔާ ވަނީ ބެންގަލޫރުގެ މައްޗަށް ކުރި ހޯދާފައެވެ.