ޚަބަރު

ރައީސް ނަޝީދަށް ހަމަލާދޭނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންދާއިރު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ" ކަމަށް ބުނެ މިމީހާ ވަނީ އިންޒާރު ދީފައެވެ.

ފުލުހުން ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން މިއަދު ރ.އަތޮޅު މީދޫން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލިސް މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގު ނުނިމެނީސް ރާއްޖެއަށް ދިއުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.