ޚަބަރު

މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި


އއ.އަތޮޅު ވެލިގަނޑު ރިސޯޓުން ވެލިފިނޮޅު ހިއްކުމަށް ޤަވާއިދާއި ޚިލާފަށް ވެލިނަގަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ހުށައެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތީ 31 މެންބަރުންގެ ވޯޓުންނެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވަނީ، ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާ ސަރަހައްދެއްކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ބަޔާންކޮށްފައެވެ. މިގޮތުން އެސަރަހައްދު ހިމާޔަތްކޮށް، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އެ ސަރަޙައްދު ބެލެހެއްޓުން އއ.ރަސްދޫ ކައުންސިލާ ހަވާލުކުރުމަށް އީޕީއޭއިން ނިންމައި، ރަސްދޫ ކައުންސިލަށް 2018 ވަނަ އަހަރު ވަނީ އެކަން އަންގާފައިކަމަށްވެސް ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށައެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވެއެވެ.

ރަސްދޫ އާއި އެސަރަހައްދުގެ ގިނަ ރަށްރަށުގެ އާންމު ރައްޔިތުން ގެދޮރު އެޅުމާއި މިނޫންވެސް އެކިއެކި ބޭނުންތަކަށް ޒަމާނުންސުރެ އެސަރަހައްދުން ވެލިނަގަމުން ދިޔަދިޔުން، އެސަރަހައްދު ހިމާޔަތް ކުރުމުގެ ސަބަބުން އީޕީއޭއިން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ހިމާޔަތް ކުރެވިފައިވާ ސަރަހައްދާއި ކައިރިން ފަސް ނަގައި ވެލިފިނޮޅު ނަމުގައި ރަށެއް ހެދުމުގެ މަސައްކަތް ކްރައުން ކޮމްޕެނީގެ ފަރާތުން ފަށައިގެން ކުރިއަށްދާކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

މިކަމަކީ އީޕީއޭއިން ހުއްދަ ލިބިގެން ކުރާކަމެއްކަންވެސް އަތޮޅު ކައުންސިލަށް އަދި ސަރަހައްދުގެ އެއްވެސް ރަށަކަށް ސާފެއް ނުވާކަމަށާއި، މިގޮތުން އީއައިއޭ ތައްޔާރު ކުރިއިރު އީއައިއޭގައި ހިމަނަންޖެހޭ ތިމާވެއްޓަށް އަސަރުކުރާނެ ގިނަގުނަ ކަންކަން ނުހިމަނާކަން ފާހަގަވާކަމަށްވެސް ޝިޔާންގެ މައްސަލާގައިވެއެވެ.

"ޓުއަރިޒަމްއާއި ބެހޭ ޤާނޫނާއި ޤަވައިދުގައި އޮންނަ ގޮތުން ޓުއަރިސްޓް ރިޒޯޓުގެ ޑިވަލޮޕްމަންޓް ކުރިއަށްގެންދެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 500 މީޓަރު އެތެރޭގައެވެ. ނަމަވެސް ވެލި ފިނޮޅު ނަމުގައި ވެލިގަނޑު ރިޒޯޓުން ބޮޑު ކުރަމުންމިދާ ފަސްގަނޑު މިހާރު ތަރައްޤީކުރަމުން އެދަނީ އެބޭފުޅުންގެ ބައުންޑަރީއިން ބޭރުން ކަމަށް ދާއިރާގެ ރައްޔިތުން ޤަބޫލުކުރެއެވެ. އަދި އެކަމުގެ ޝަކުވާ އަންނަނީ ކެންޑިނޭޅި ލިބެމުންނެވެ. ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާރޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބޯޑެއް ޖެހުމުގެ ސަބަބުން އެއިގެ ސެޑިމެނަޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިޓާއި ހަމަހެޑް ޝާރކް ޕޮއިންޓު ކިލަނބުވެ އެ ނުފެންނާތީ އެޝަކުވާވެސް ލިބެމުންދެއެވެ." ޝިޔާން މަޖިލީހަަށް ހުށައެޅި މައްސަލާގައިވެއެވެ.

އެކި ފަހަރު މަތިން ވެލިގަނޑު ރިޒޯޓު މެނޭޖުމަންޓުން ހިމާޔަތް ކުރެވިފައިވާ އެސަރަހައްދާއި ކައިރިން ފަސް ނަގައި ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ އެސަރަހައްދުގައި އޮންނަ “ކަނޑީފިނޮޅު” މިހާރުނެތިގޮސްފައިވާކަމުގެ ކަންބޮޑުވުންވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އީޕީއޭއިން ހިމާޔަތް ކޮށްފައިވާ ސަރަހައްދަކާއި ކައިރިން މި ފަދަ ގޮތަކަށް ތިމާވެއްޓަށް ނުހަނު ގެއްލުންވާ ގޮތަކަށް އަމަލުކޮށް ފައިވާތީ، މިކަމަކީ މުޅި ސަރަހައްދުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަކަށް ފެންނަކަމަށްވެސް ޝިޔާންގެ މައްސަލަގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ނެތިގޮސްދާނެ ކަމުގެ ބިރާއި، ރިސޯޓުތަކުން ބައުންޑަރީ ހިތުހުރި ގޮތަކަށް ބޮޑުކުރާ ބޮޑުކުރުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައި މިމައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން އެދޭކަމަށްވެސް ޝިޔާންގެ މައްސަލާގައިވެއެވެ.

އއ.ވެލިގަނޑު އައިލެންޑް ރިސޯޓުން ވެލިފިނޮޅު ހިއްކުމަށް ގަވައިދާ ހިލާފަށް ވެލި ނަގަމުންދާކަމަށް ބުނާ މައްސަލާގައި ރަސްދޫ ރައްޔިތުން އިހުތިޖާޖުވެސް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އީޕީއޭއިން ވަނީ އެމަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލަން އަމުރުކޮށްފައެވެ.