ޚަބަރު

ބ.ކެންދޫ ފެނާއި ނަރުދަމާ ނިޒާމުގައި ހިމެނޭ އާރްއޯ ބިލްޑިންގގެ މަސައްކަތް ފަށައިފި


ބ.ކެންދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފެނާއި ނަރުދަމާގެ ޤާއިމްކުރުމުގެ ނިޒާމްގެ ދަށުން ހަދާ އާރްއޯ ބިލްޑިންގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއު އެސްސީން ބުނީ ކެންދޫ ފެނާއި ނަރުދަމާ މަސައްކަތް ކަނޑައަޅާފައިވާ ތާރީޚަށް ނިންމާލެވޭނެ ކަމަށެވެ.

ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރުގެ މޭއި މަހު ފެށުމަށް ތައްޔާރުވީ ނަމަވެސް އެކަން ނުވެ ލަސްވީ އެރަށުގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ހުއްދަތައް ނުލިބުމާ، ކެންދޫން ކޯވިޑް ބަލިފެނި އެރަށް މޮނިޓަރިންގައި އޮތުމާގުޅިގެންނެވެ.

ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންގް އެއް ޤާއިމްކޮށް 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 250 ގޭބިސީއަކަށް މި ޚިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި ވާރޭފެން ހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ޤާއިމް ކުރާނެއެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފޯލް އެޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބ.ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 05ވަނަ ދުވަހަށް މިމަސައްކަތް ނިންމަންޖެހޭއިރު މިމުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

ރައްކާތެރި ސާފު ފެނާ ނަރުދަމާގެ މަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވެސް އެއަތޮޅުގެ ހަތަރު ރަށެއްގައި އަންނީ މި ދެމަޝްރޫއުގެ މަސައްކަތް ކުރަމުންނެވެ. އެއީ ގޮއިދޫ ހިތާދޫ މާޅޮސް އަދި ކަމަދޫއެވެ. މީގެ އިތުރުން އެއަތޮޅުގައި ފެނާއި ނަރުދަމާ ނެތް ފަސްރަށެއްގައި އެމަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.