ވިޔަފާރި

ކުރިއަށްއޮތް 5 އަހަރު ރަށު ފަތުރުވެރިކަން ފެންނަނީ ވަރަށް އުޖާލާކޮށް


ކައުންސިލްތަކާއެކު ކުރިއަށްއޮތް 5 އަހަރު ރަށު ފަތުރުވެރިކަން ފެންނަނީ ވަރަށް އުޖާލާކޮށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކައުންސިލްތައް އިންތިހާބުވެގެން ރަށްރަށުގައި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިންވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

މި ބައްދަލުވުންތަކަށްފަހު މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ އަތޮޅުތަކަށް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަތުރުތައް ފަށާފައެވެ. މި ދަތުރު އެންމެ ފުރަތަމަ ފަށާފައިވަނީ ހއ. އަތޮޅަށެވެ. މި ދަތުރުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، މި ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް ދަތުރުކުރާނެކަމަށާއި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ތިލަދުންމަތީގައި މީހުން އުޅޭ ހުރިހައި ރަށަކަށް އަޅުގަނޑުމެން ފުރަތަމަ ރައުންޑްގައި އެބަދަން. އެ ދަތުރުގައި އެ ރަށްރަށުގައި މިހާރު ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ޕްލޮޓްތަކުގައި މަސައްކަތް ކުރިއަށްދާ ގޮތާއި ރައްޔިތުން އެކަންކަމާއި މެދު ހުރި ކަންބޮޑުވުންތަކާއި އަދި އަލަށް އެރަށްރަށުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާއި މަޝްވަރާކުރާނެ. އަދި އެރަށްރަށުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިއާއިގުޅޭ ސަޕޯޓް ސަރވިސަސްތައްދޭ ފަރާތްތަކާއި ބައްދަލުކުރާނެ." ރައްޒާން ވިދާޅުވިއެވެ.

ކައުންސިލްތަކާއެކު ކުރިއަށްއޮތް 5 އަހަރު ރަށު ފަތުރުވެރިކަން ފެންނަނީ ވަރަށް އުޖާލާކޮށްކަމަށް ރައްޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުރިހާ ރަށަކުންވެސް ފަތުރުވެރިކަން އޭގެޒާތުގައި ތަރައްޤީކޮށް ކުރިއަރުވައި އެރަށަކަށް އާމްދަނީ ލިބޭނެ މަގެއްގެ ގޮތުގައި އެކަން ބާއްވަން ބޭނުންވާކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރަށް ފުޅާދާއިރާއެއްގައި ރަށު ފަތުރުވެރިކަން ވަނީ ފެށިފައެވެ. ނަމަވެސް ބައެއް ރަށްރަށުގައި އަދި އެއްގޮތަކަށްވެސް ރަށު ފަތުރުވެރިކަން ފެށިފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 504 ގެސްޓްހައުސްއެއް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.