ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި


ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޢާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ޢާއިޝަތު ހަސަންއެވެ. އައިޝަތު ޙަސަނަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި ޢާންމުކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު ކަނޑައަޅުއްވާފައިވަނީ މަޤާމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިންނެވެ. މިމަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ޕްލޭނިން މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، ޕްލޭނިންގ މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.