ޚަބަރު

ބަދަލުތަކާއެކު މާވަށުގެ ބަނދަރަށް ހިތްގާއިމުކަންް


ޕީއެސްއައިޕީގައި ހިމަނައިގެން ކުރިއަށްގެންދާ ބަނދަރު މަސައްކަތްތަކުގައި ރަށްރަށުގައި އަަލަށް ބަނދަރު ތަރައްޤީކުރުމާއި، ޑިމާންޑާ އެއްވަރަށް ބަނދަރު ބޮޑުކުރުމާއި، ހަލާކުވެފައިވާ ބަނދަރުތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.

އުޅަނދުތައް ގިނަވެ ލ.މާވަށަކީވެސް ބަނދަރުގެ ދަރިކަން އޮތް ރަށެކެވެ. އަދި ބަނދަރަކީ ކުރީގެ ބަނދަރަކަށް ވުމާއެކު މަރާމާތަށްވެސް ބޭނުންވެފައިވާ ރަށެކެވެ. މާވަށު ބަނދަރު ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށް، އެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މާވަށު ކައުންސިލުން ފާހަގަކުރާގޮތުގައި ރަށުގެ ބަނދަރަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، ބަނދަރު ބޭނުންކުރާ މިންވަރު އިތުރުވެ ދަތިކަން އޮތް ބަނދަރެކެވެ.

މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވީ، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރަށް ދޯނި އެޅޭގޮތަށް ހުރަސް ތޮއްޓާ ބޭރު ތޮށިވެސް މިހާރު ތަރައްޤީކޮށް ނިމިފަވާކަމަށެވެ. ބަނދަރުގެ ބޭރު ތޮށިވެސް ހަދާފަވަނީ މެދަށް ވެލި އަޅާ ދެ ފަރާތުގައި ހިޔަޖަހައިގެންނެވެ.

"ބޭރު ތޮށި ވަނީ 50 ފޫޓަށް ފުޅާކޮށް ވެލި އަޅައިގެން ހަދާފަ. މި ސަރަޙައްދު އާއްމުން ހިތް ފަސޭހަކޮށްލާ ސަރަޙައްދެއް ގޮތަށް ހަދާނީ. ޕާޓިތައްވެސް ބޭއްވޭނެގޮތަށް." ކައުންސިލް ރައީސް ވިދާޅުވިއެވެ.

މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެއްގަމު ތޮށީގަ ވެލި ބަސްތާ ޖަހާފަ އޮތް ސަރަޙައްދު ވަނީ ޝީޓްޕައިލްކޮށްފައެވެ. މި ބަނދަރަކީ އެންމެ ޒަމާނީ ގޮތްތަކަށް ތަރައްޤީކޮށްފަވާ ބަނދަރެކެވެ. މާވަށު ބަނދަރުގެ މަސައްކަތް ކުރިއަށް ދިޔަގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްވަނީ އެރަށަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެރަށު ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

"ބަނދަރު މި ހެދީ ރައްޔިތުން ބޭނުންވިގޮތަށް ބޭރު ތޮށިވެސް ބޭނުންކުރެވޭގޮތަށް. އަދި ބަނދަރަށް ޒަމާނީ ބަދަލުގެނެސް، ވީހާވެސް ފަސޭހައިން ބޭނުންކުރެވޭގޮތަށް މިއޮތީ." އާޒިމް ވިދާޅުވިއެވެ.

މާވަށު ބަނދަރު ތަރައްޤީކޮށްފައި ވަނީ، ބޭރު ތޮށީގައިވެސް ދޯނި އަޅާފައި ބޭއްވޭ ގޮތަށެވެ. އަދި 568 މީޓަރުގަ ބޭރު ތޮށި ލާފަވާއިރު، ތޮށި ހަދާފައި ވަނީ މެދަށް ވެލިއަޅާ، ހިތް ހަމަޖައްސާލައި ތަނެއްގެ ގޮތުގަ ބޭރު ތޮށި ބޭނުން ކުރެވޭގޮތަށެވެ. އަދި އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް ބްރިޖެއްވެސް ވަނީ ހަދާފައެވެ. މީގެ އިތުރަށް ބަނދަރު ފުންކުރުމާ، 40 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމާ، ބަނދަރުގައި ރޭމްޕެއްވަނީ ހަދާފައެވެ. އަދި ބަނދަރުގައި ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.