ޚަބަރު

ރަނގަޅު ނިޒާމެއް ޤާއިމްކޮށް، އޮކްޓޫބަރުގެ ނިޔަލަށް ތިލަފުށި ގޮނޑުން ދުން އެރުން ހުއްޓުވަނީ


އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ތިލަފުށި ގޮނޑުން ދުންއެރުން ހުއްޓުވައި، އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ.

ކ.ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށި ގޮނޑުން ދުންއެރުން ހުއްޓުމަކަށް ގެނެވޭނެކަމަށް ބެލެވޭކަމަށެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު އެމިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ތިލަފުށި މިގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއް ދިމާވިނަމަވެސް، އެއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ މަސައްކަތެއްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން ތިލަފުށީގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަކީ އަމާޒެއްކަމަށެވެ.

މިމަސައްކަތްތަކުގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާއިރު، މިއީ 2.3 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭވަރުގެ ޕްލާންޓަކަށްވާއިރު، މި ޕްލާންޓް މެދުވެރިކޮށް 8 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިނި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ

މާލެ ސަރަޙައްދުގައި ގިނަ ރަށްތަކަކާއި ރިސޯޓްތަކެއް ހުންނައިރު، ތިލަފުށީގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 830 ޓަނުގެ ކުނި އެކި ތަންތަންތަނަށް ޖަމާކޮށް، ނުވަތަ އަންދާލަންޖެހެއެވެ. 1992 ވަނަ އަހަރުން ފެށިގެން ތިލަފުށްޓަށް ހަރުދަނާ ނިޒާމެއް ނެތި ކުނި ޖަމާކުރަމުންދާއިރު އެކަމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އޭގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން، ރައްޔިތުންގެ އާއްމު ސިއްހަތަށްވެސް ގެއްލުންވަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ކުނި މެނޭޖްކޮށް، ކުނިން ހަކަތަ އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއެކު މިމައްސަލަތަކަށް ހައްލު ލިބޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.