މުނިފޫހިފިލުވުން

ޝަރުމީލާ ޓެގޯރަށް އަދިވެސް މާމަ ދަރިފުޅު ނުފެނޭ


ސައިފް ޢަލީޚާނާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅު ޖެހެންގީރް ލިބުނު ފަހުން މިހާރު 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިދިޔަ ހަފްތާ ބަންދުގައި ދަރިފުޅު ޢާމުންނަށް ދައްކާލާފައިވާއިރު ޖެހެންގީރްގެ މާމަ، ސައިފްގެ މަންމަ ޝަރުމީލާ ޓެގޯރަށް އަދިވެސް ޖެހެންގީރެއް ނުފެނެއެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް ޝަރުމީލާ ދިރިއުޅެނީ އިންޑިއާގެ ދިއްލީގައެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ޝަރުމީލާއަށް ވަނީ އެއްވެސް ތަނަކަށް ދަތުރުކުރެވޭގޮތް ނުވެފައެވެ. ނަމަވެސް ސައިފާއި ކަރީނާ ޢާއިލާއާއިއެކު ވަރަށް އަވަހަށް ދިއްލީއަށް ގޮސް ޝަރުމީލާއާއި ބައްދަލުކުރާނެކަމަށްވެއެވެ.

ޝަރުމީލާ މިހާރު އޭނާގެ މާމަ ދަރި ބަލާލަމުން އަންނަނީ ސައިފާއި ކަރީނާ ކުރާ ވީޑިއޯ ކޯލްތަކުންނެވެ. އަންހެން ދަރިފުޅު ސޯހާ ޢަލީޚާންގެ ދަރިފުޅު އިނާޔާ އާއެކުވެސް ޝަރުމީލާ ދަނީ ވަގުތު ހޭދަކުރަމުންނެވެ.

ކަރީނާ އާއި ސައިފް މިހާރު ދަނީ ދެ ދަރިންނާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި މިއީ ޖެހެންގީރްގެ ފުރަތަމަ ދަތުރުވެސްމެއެވެ.