ޚަބަރު

ބަޝުންދުރާ ކިންގްސް 2 - 0 މާޒިޔާ


އޭއެފްސީ ކަޕްގައި މާޒިޔާއިން އެެޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މިމެޗުން މާޒިޔާ ބަލިވެފައިވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ.

ދެ ޓީމުންވެސް ފެށީ ވަރަށް ބޮޑަށް ޕްރެސްކޮށްގެންނެވެ. މެޗުގެ ފުރަތަމަ މިނެޓްގެ ތެރޭގައި އައިސަމްއަށް ގޯލެއްޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ބިދޭސީ ކުޅުންތެެރިޔާ ސްޓުވާޓް އޭރިޔާގެ ތެރައަށް ހުރަސްކޮށްލި ބޯޅަ އައިސަމް ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިިން ބޭރަށެވެ.

މެޗްގެ ފުރަތަމަ ކޮޅު މާޒިޔާއިން ވަަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައެވެ. އަދި ފުލުފުލުގައި މާޒިޔާއިން ދިޔައީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މާޒިޔާއިން ނުރައްކާ ކުރަމުންދިޔަ ނަމަވެސް ބަޝުންދުރާއިންވެސްވަނީ މާޒިޔާގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެެއް ފޮނުވާލާފައެވެ.

މެޗްގައި މާޒިޔާއިން އުފައްދަމުން ދިޔަ ގިނަ ހަމަލާތަކަށް އުފައްދާފައިވަނީ އެޓީމްގެ ބިދޭސީ ކުޅުންތެެރިޔާ ސްޓްވާޓް އަދި ހަމްޒާގެ އެހީގައެވެ. ބަޝުންދުރާއިން ހަމަލާތަށް އުފައްދަމުން ގޮސްފައިވަނީ އެޓީމްގެ އަރިމަތިތަށް ބޭނުންކޮށްގެންނެވެ. ބަޝުންދުރާގެ ޙާލިދްއަށް މެޗްގެ 13ވަނަ މިނެޓްގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ހާލިދު ބޮލުން ގޯލްގެ ތިރީކަނަށް އަމާޒްކޮށްލާފައި ފޮނުވާލި ބޯޅަވަނީ ވެއްޓިގަނެފައި މާޒިޔާގެ ކީޕަރު މަމަތޮނޯވް ދިފާޢުކޮށްފައެވެ. މެޗްގެ 22ވަނަ މިނެޓްގައި ބަޝުންދުރާގެ ފެނާންޑޭޒް އުފައްދަން މަސައްކަތް ކުރި ހަމަލާވަނީ މާޒިޔާގެ ޑިފެންޑަރުން ދިފާއުކޮށްފައެވެ. އަދި މާޒިޔާގެ ގޯލް ކީޕަރު މަމަތަނޯވްވެސްވަނީ ބަޝުންދުރާގެ ހަމަލާތަށް ދިފާޢުކޮށްފައެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހާ ލީޑް ނެގީ ބަޝުންދުރާ ކިންގްސްއިންނެވެ. މެޗްގެ 25ވަނަ މިނެޓްގައި މާޒިޔާގެ ފަހަތަށް އައި ބޯޅައެއް ސާފްކޮށްލަން، މަސައްކަތް ކުރުމަށް އުޅުމުގެ ތެެރޭގައި އެޓީމްގެ ކެޕްޓަން މުހައްމަދު އިރުފާން ފަހަތަށް ޖައްސާލި ބޯޅައަކުން ވަތް ގޯލްއެކެވެ. އިރުފާން ފަހަތަށް ބޯޅަ ޖައްސާލިއިރުގައި މާޒިޔާގެ ކީޕަރު ކުރިއަރާފައި އޮތުމުން، އެބޯޅަވަނީ ކީޕަރު ބޯމަތިން ގޮސް ގޯލް ތެރެއަށް ވަދެފަައެވެ.

ބައިކޮޅަށް ވަތް މިލަނޑަށް ފަހުވެސް މާޒިޔާއިން ގޯލްއެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އަދި ލީޑް ލިބުމާއެކު ބަޝުންދުރާއިންވަނީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެން ކުޅެން ފަށާފައެވެ. މިއާއެކުވެސް މާޒިޔާއިން ހަމަލާތަށް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ 37ވަނަ މިނެޓްގައި ނާއިޒް ހަސަން (ދާދު)އަށް ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްއާއި ސީދާނުވެ، ބޭރަށެވެ.

މެޗްގެ 39ވަނަ މިނެޓްގަައި ބަޝުންދުރާއިންވަނީ ދެވަނަ ލަނޑެއްޖަހާ ލީޑް ފުޅާކޮށްފައެވެ. މާޒިޔާގެ ޑިފެންޓަރުންނަށް ހެދުނު ގޯހެއްގެ ފައިދާނާގާ އެޓީމްގެ ބްރެޒިލް ފޯވާޑް ރޮބްސަން ދަ ސިލްވާވަނީ ގޯލްގެ އަރިމަތިން ގޯލްގެ ތެރެއަށް ވައްދާލާފައެވެ. ބަޝުންދުރާގެ ދެވަނަ ލަނޑު ޖެހި ރޮބްސަންއަށް އިތުރު ލަނޑެއް ޖެހުމަށްވެސް ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް ރޮބްސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކަރިން ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާގެ ކޮޅަށް ވަތް ދެ ގޯލްގައިވެސް އެޓީމްގެ ޑިފެންޑަރުންގެ މިސްޓޭކް ފެނިގެންދިޔައެވެ.

މިމުބާރާތުގައި މާޒިޔާ ދެން މެޗެއް ކުޅޭނީ މިއަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. މިމެޗުގައި މާޒިޔާ ބައްދަލުކުރާނީ އިންޑިޔާފެ ބެންގަލޫރު އެފް.ސީ އާއެވެ.

މެޗްގެ ދެވަނަ ހާފް ބަޝުންދުރާއިން ދެ ލަނޑު ލީޑްއެއްގައި އޮވެގެން ފެށުމާއެކު އެޓީމްއިން ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނައިގެން ކުޅެފައެވެ. އަދި މާޒިޔާއިން ގޯލްއެއް ޖެހުމަށް ޖެހޭތީ އެޓީމްއިން ދެވަނަ ހާފް ފެށީ އައިސަމްގެ ބަދަލްގައި އިބްރާހިމް މަހުދީ ހުސެއިން ކުޅެން އަރުވައިގެންނެވެ. މާޒިޔާއިން މެޗްގެ ދެވަނަ ހާފް ފެށީ ވަަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން، އެޓޭކްއަށް ވިސްނައިގެންނެވެ. މާޒިޔާގެ ކުރިއަށް ކުޅޭ، ހަމްޒާ މުހައްމަދު އާއި ހަސަން ނާއިޒް، ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އަދި އިބްރާހިމް މަހުދީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮލެވުނެވެ. މެޗްގެ 59ވަނަ މިނެޓްގައި ބަޝުންދުރާގެ ޙާލިދު އަތުގައި ޖެހުނުކަމަށް ބާލާ މާޒިޔާގެ ކުޅުންތެރިންވަނީ ޕެނަލްޓީއެއް ދިނުމަށް އެދިފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ހޭންޑް ބޯލްއެއް ނޫންކަމަށެވެ. މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ގިނަ ވަގުތު ބޯޅަ ގެންގުޅު ނަމަވެސް، އެޓީމްއަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އަދި ދެ ލަނޑުގެ ލީޑް އެއް އޮތުމާއެކު ބަޝުންދުރާއިން ދިޔައީ ޑިފެންސް ލައިންއަށް ކުޅުންތެރިން ގިނަކޮށް، މާޒިޔާގެ ހަމަލާތަށް ހުއްޓުވަމުންނެވެ. މެޗްގެ 67ވަނަ މިނެޓްގައި ބަޝުންދުރާއަށް ލީޑް ފުޅާކުރުމަށް ބިޝްވަނަތަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރުގައި، އޭރިޔާގެ ތެެރޭގައި ހުރެފައި ބީޝްވަނަތު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މާޔިޔާއިން ހަމަލާތަށް އުފައްދަން މަސައްކަތް ކުރިއިރުގައި، ބަޝުންދުރާއިންވަނީ މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިން އޮފް ސައިޑް މަޅީގައި ޖައްސާފައެވެ. މެޗްގެ ދެވަނަ ހާފްގެ 70ވަނަ މިނެޓްގައި ގޯލްއެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ހަމްޒާ މުހައްމަދުއަށެވެ. ކޮނޭ ގޯލްގެ ކުރިމަައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން ހަމްޒާ މަސައްކަތް ކުރިނަމަވެސް، ބަޝުންދުރާގެ ކިޕަރުވަނީ ހަމްޒާގެ ކުރިން އެބޯޅަ ޕަންޗުކޮސްލާފައެވެ. އަދި އޭގެ ދެ މިނެޓް ފަހުންވެސް ހަމްޒާއަށް ގޯލްއެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ 75ވަނަ މިނެޓްގައި ބަޝުންދުރާގެ ފެނާންޑޭޒް އޭރިޔާގެ ތެެރޭގައި ހުރެފައި ފޮނުވާލި ބޯޅަވަނީ މާޒިޔާގެ ކީޕަރު ދިފާޢުކޮސްފައެވެ. ބަޝުންދުރާއިން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް އެޓީމްއަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗްގެ 83ވަނަ މިނެޓްގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުން، ހަމްޒާ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ސީދާ ބަޝުންދުރާ ކީންގްސްގެ ގޯލް ކީޕަރާއި ދިމާލަށެވެ. މެޗް ނިމެން 3 މިނެޓްއަށް ވެފައިވަނިކޮށް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓްއަށް ގޯލްއާއި ދިމާލަަށް ބޯޅަ ފޮނުވާލަން މަސައްކަތް ކުރަން އުޅުމުގެ ތެެރޭގައި ފަހަތުން އައިސް ބަޝުންދުރާ ކިންސްގެ ކުޅުންތެރިންވަނީ ދިފާޢުކޮށްފައެވެ.

މިމެޗުން ބަލިވުމުން މާޒިޔާއަށް ކުރިއަށްއޮތް ދެ މެޗުވެސް މޮޅުވުންވަނީ މަޖުބޫރުވަނީ ވެފައެވެ.
މިމުބާރާތަށް ތައްޔާރުވުމަށް މާޒިޔާއިންވަނީ ސައުދީގައި 10 ދުވަހުގެ ކޭންޕްއެއް ކޮށްފައެވެ. އެގައުމްގައި މާޒިޔާއިންވަނީ އެކުވެރިކަމުގެ 3 މެޗް ކުޅެފަައެވެ.