ޚަބަރު

45 އަހަރުފަހުން، ޒަމާނާ އެކަށީގެންވާ އުޞޫލުތައް އެކުލެވޭ ހެއްކާބެހޭ ބިލެއް


މިހާރު ޢަމަލުކުރަމުން ގެންދާ ހެއްކާބެހޭ ޤާނޫނުގެ ބަދަލުގައި، ޒަމާނާ އެކަށީގެންވާ އުޞޫލުތައް އެކުލެވޭ ހެއްކާބެހޭ ބިލެއް ބަންޑާރަ ނާއިބު ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

މީގެ 45 އަހަރު ކުރިއްސުރެ ޢަމަލު ކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ 7 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނެކެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ހެއްކާބެހޭ ބިލެއް ހުށަހެޅާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްޞީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްކަމަށެވެ.

މި ބިލުގައި ވަނީ ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ބަލައިގަތުމާއި، ވަޒަންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައެވެ.

ހެއްކާބެހޭ ޤާނޫނުގެ ބިލް ޑްރާފްޓުގައި ހެކިބަސް ނަގާނެގޮތް ހިމަނާފައިވާއިރު، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ވާގޮތުން ހެއްކާބެހޭ ޤާނޫނުގައި ވާގޮތަށް، ސިއްރު ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އެ ޤާނޫނުގައި ބުނެފައިވަނީ ސިއްރު ހެކިބަސް ނެގޭނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށެެވެ.

ނަމަވެސް ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެޤާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށް ބުނެ ހައިކޯޓުންވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ހަވާލާދީ ހެކިބަސް ނެގުން ސައްހަ ނޫން ކަމަށް ކަނޑައަޅާފައެވެ.

ހެއްކާބެހޭ ޤާނޫނުގައި ސިއްރު ހެކިބަސް ނެގޭނެގޮތް ބަޔާންކޮށްފައިނުވާތީ ޖިނާޢީ އިޖްރާއަތުގެ ގާނޫނާ ޙަވާލާދީ ސިއްރު ހެކިބަސް ނުނެގޭނެކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމަވާފައިވާކަން ޕްރޮސެކިއުޓާ ޖެނަރަލްވަނީ ހާމަކުރައްވާފައެވެ.

ތޭވީސް ސެޕްޓެންބަރު 1976ގައި ވުޖޫދަށް އައިސްފައިވާ، މިހާރު ޢަމަލުކުރަމުންދާ ހެއްކާ ބެހޭ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށް ގެނެސްފައެއްނުވެއެވެ.