ޚަބަރު

ސާފްގެ ފުރަތަމަ މެޗުގައި ނޭލާޕްއާއި ރާއްޖެ


ރާއްޖޭގައި ބާއްވާ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ނޭޕާލްއާއި ދިވެހިރާއްޖެ ވާދަކުރަން ޖެހިއްޖެއެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ނޭޕާލްއާއި ވާދަކޮށްގެންނެވެ. ސާފް ޗެންޕިއަންޝިޕްގެ ތާވަލް މިހާރު އާންމުކޮށްފައިވާއިރު، ނޭޕާލް އާއި ރާއްޖެ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު ހަވީރުއެވެ. އަދި އެރޭ ކުޅޭ ދެވަނަ މެޗްގައި ވާދަކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ.

މީގެ ކުރިން ރައްޖެއިންވަނީ 2008ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕް އަވައްޓެރި ސްރީލަންކާއާއި ގުޅިގެން ބާއްވާފައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށިވެސް ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަަހަރު އިންޑިޔާއާއި ވާދަކޮށްގެންނެވެ. މިއހަރުގެ މުބާރާތް ކުރިއަށްދާނީ ރާއްޖޭގައި އެކަންޏެވެ. ފުރަތަމަ މެޗްގައި ނޭޕާލް އާއި ވާދަކުރާއިރު، އެންމެ ފަހުން 2018ވަނަ އަހަރު ބޭއްވި ސާޗް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްގައި ރާއްޖެއިންވަނީ ނޭޕާލް ބަލިކޮށް، ފައިނަލުން ޖާގަ ހޯދާފައެވެ. ރާއްޖޭ އާއި ނޭޕާލްއިން މިހާތަނަށް 7 މެޗް ކުޅެފައިވާއިރު، ރާއްޖެއިން ވަނީ ފަސް މެޗް ކާމިޔާބުކޮށްފައެވެ އަދި ދެ މެޗްވަނީ އެއްވަރުވެފައެވެ.

ސާފް ޗެންޕިއަންޝިޕްގެ ތިވަނަ މެޗްގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އިންޑިޔާއެވެ. އަދި 4ވަނަ މެޗްގައި ވާދަކުރާނީ ސްރީ ލަންކާއާއި ނޭލާއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗްގައި އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި 3ވަނަ މެޗްގައި ނިކުންނާނީ އަވައްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. އަދި ރާއްޖެއިން ކުޅޭ އެންމެ ފަހު މެޗްގައި ނިކުންނާނީ ވާދަވެރި އިންޑީޔާއާއި ދެކޮޅަށެވެ.

ބޫޓާންއިން މިފަހަރުގެ ސާފެ ޗެންޕިއަންޝިޕް ނުކުޅެން ނިންމުމާއި ގުޅިގެން ސާފްއިންވަނީ މިފަހަރުގެ މުބާރާތް ލީގް އުސޫލުން ކުރިއަށްދާ ގޮތަށް ބަދަލްކޮށްލާފައެވެ. ލީގް އުސޫލުން ބުރެއް ކުޅުމަށްފަހު، ފައިނަލަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްއެވެ. މުބާރާތުގެ ގުތު ލާފައިވަނީ ފީފާ ރޭންކިންގައި ގައުމުތައް ރޭންކު ކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ.

ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ނިންމާފައިވާއިރު، ފީފާގެ ސަސްޕެންޝަނެއްގައި މިވަގުތު އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ.

2018ވަނަ އަހަރުވެސް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ އިންޑިޔާ ބަލިކޮށްގެންނެވެ. މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި 5 ގައުމު ވާދަކުރާއިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއެވެ. އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް(އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރިންވެއް އެމަގާމްގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.