ޚަބަރު

މިހާތަނަށް 4000 އަށްވުރެ ގިނަ ދަރިވަރުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް 4000އަށް ވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފިއެވެ.

ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކޯވިޑް ވެކްސިން ޖަހަން ފަށާފަިއވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކުދިންނަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ، ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން، 4973 ދަރިވަރަކު މިހާތަނަށް ކޯވިޑުން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. ސްކޫލްތަކުގައި އުމުރުން 12 އހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނެއެވެ. އަދި މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާން މަރުކަޒުތަކުގައި ދަރިވަރުން ކިއޫގައި ޖެހެން ނުޖެހޭނެއެވެ. ކޮންމެ 30 މިނެޓްގެ ތެރޭގައި 100 އެއްހައި ދަރިވަރުންނަށް ވެކްސިން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލަފާކުރައްވާފައެވެ. އެމިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަން ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19އާ ގުޅިގެން ފާއިތުވެދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިމަހުގެ 10ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީވެސް ސްކޫލްތައް ހިންގަމުންދަނީ ކުރިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އިތުރަށް މިނިސްޓްރީން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ސްކޫލްތަކަށް ނުވަދެވޭގޮތަށެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. ފައިޒަރ ވެކްސިނަކީ ޢުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމަވާފައެވެ.