ޚަބަރު

"ފްލެޓުތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމަކީ މަނާކަމެއް"


ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ އެތެރޭގެ މަސައްކަތުގައި ފްލެޓްގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ. އެޗްޑީސީން މިހާރުވަނީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެގޮތުގެ ޢުސޫލެއް ޢާއްމުކޮށްފައެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށްޓަވާފަވަނީ މިދިޔަމަހުގެ 14ވަނަ ދުވަހުއެވެ. މިހާރުވަނީ ބައެއް ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތްދީ އެތަންތަނުގެ ފިނިޝިންގ މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައެވެ. ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން މިވަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ޢަމަލުކުރަންޖެހޭނެ އުސޫލެއް ކަނޑައަޅުއްވާފައެވެ. މިއުސޫލަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ.

އެޗްޑީސީން ވިދާޅުވީ ފިނިޝިންގ މަސައްކަތުގައި ޢިމާރާތަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކޯޕަރޭޝަނުގެ ހުއްދަ ހޯދަންޖެހޭނެކަމަށެވެ. މިކަމަށް އެދޭ ފޯމު ފްލެޓްތައް ހަވާލުކުރުމުގެ މަރުހަލާގައި ފްލެޓުތަކުގެ ވެރިންނާވާނީ ޙަވާލުކޮށްފައިކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.

ފްލެޓުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ. އެގޮތުން ފްލެޓުގެ އެއްވެސް ފާރެއް ތަޅާލައިގެން ކޮޓަރިއެއް ވަކިކުކުރުން ނުވަތަ ގުޅުވުމަކީވެސް މަނާކަމެކެވެ. އެހެންނަމަވެސް އެޗްޑީސީގެ އުސޫލާ އެއްގޮތަށް ފާރު ތަޅާނުލައި ބިއްގަނޑު ޖަހައިގެން ބައެއް ބަދަލު ގެނައުމަށް ހުއްދަކުރެއެވެ. އަދި ޢިމާރާތުގެ އެތެރޭގެ ދޮރުތައް ހުރިތަން ނޫން އެހެން ތަނަކަށް ބަދަލުކުރުންވެސް ހުއްދަކުރެއެވެ.

ފިނިޝިންގ ހުރިހާ މަސައްކަތްތައްވެސް ކުރަންޖެހޭނީ އެ އެޕާޓުމަންޓެއްގެ ވެރިފަރާތަށް ލިބިފައިވާ އެޕާޓުގެ އެތެރޭގައެވެ. ޢިމާރާތުގެ ގޯތިތެރެއާއި ކޮރިޑޯއާއި ފްލެޓްގެ ތިރީގަވާ ހުސްބިމުގައި އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

އެޗްޑީސީން ޢާއްމުކުރައްވާފައިވާ އުސޫލުގައި ވަނީ ފްލެޓްގެ ފާރުތަށް އެއްވެސް ބޭނުމަކު ތޮރުފަން ޖެހިއްޖެނަމަ، އެކަން ކުރާނެގޮތާއި ސީލިންގްއާއި ފާޚަނަތަކާއި ބަދިގޭގެ ފިނިޝިންގ މަސައްކަތް ކުރާނެގޮތާއި އެއަރކޮންޑިޝަން ހަރުކުރުމާއި ބެލްކަނިތަކަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެކަމުގަ ޢަމަލުކުރާނެ ގޮތްތައްވެސް ހިމަނާފައެވެ.

އަދި މަސައްކަތަށް ބޭނުންވާ މުދާ ފްލެޓަށް އެރުވުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި މަސައްކަތް ނިންމުމަށްފަހު ކުނި ނައްތާލުމުގައި ޢަމަލުކުރަންޖެހޭނެ ގޮތްވެސް މިއުސޫލުގައި ހިމެނެއެވެ.

ހިޔާގެ ފިނިޝިން މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅީ 3މަހުގެ މުއްދަތެވެ. ނަމަވެސް މި މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރުކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ފިނިޝިންއަށް ދޭ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެއެވެ.

ހިޔާ މަޝްރޫޢު އެކުލެވިގެންވަނީ 25ބުރީގެ 16 ޓަވަރަށެވެ. މި މަޝްރޫޢުގައި ޖުމްލަ 6720 ހައުސިން ޔުނިޓް ހިމެނެއެވެ.