ޚަބަރު

އއ.މާޅޮހު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަންނަ ޖުލައިގެ ކުރިން ނިމޭނެ


އއ.މާޅުހުގައި މިހާރު ބޭނުންކުރަމުން އަންނަނީ 350 ފޫޓުގެ ބަނދަރެކެވެ. ދުވަސްވެ ބަނދަރުގެ އެކި ސަރަޙައްދުތަކުންވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ރަށުގަ އޮތް ބަނދަރުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގަ ކައުންސިލުން ފާހަގަކުރަނީ ބަނދަރުގައި ނެރު ފައިކަށި ނެތުމެވެ. އއ.މާޅޮހު ކައުންސިލްގެ ނާއިބު ރައީސް ފަޒީލް އަޙުމަދު ވިދާޅުވީ ރަށަކީ ފަޅު ކުޑަ ރަށަކަށްވުމާއި، ނެރު ފައިކަށި ނެތުމުން ހުޅަނގު މޫސުމުގައި ބަނދަރުތެރެ ގަދަވެ ބޮޑެތި ދަތިތައް ކުރިމަތިވާކަމަށެވެ. އަދި ބަނދަރު ހަނިވުމުގެ ސަބަބުން ތެޔޮ ބާޖުފަދަ ބޮޑެތި އުޅަނދުތައް ބަނދަރަށް ކައިރިކުރުމުގައިވެސް ދަތިވާކަމަށެވެ.

"ބަނދަރު އަލުން ހަދާއިރު ޑަބަލް ބޮޑުވެގެންދޭ އެބަ. މިރަށުގައި މިހާރުވެސް ކަންނެއްޔަށްދާ 5 ދޯނި އޮވޭ. އަދި މިރަށުގެ ބަނދަރަކީ ރަށު ދޯނިތައް އެކަންޏެއްނޫން، ހުޅަނގުން މަސްބާނާއިރު އެހެން ސަރަޙައްދުތަކުގެ އުޅަނދުތައްވެސް ބޭނުންކުރާ ބަނދަރެއް." ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އއ.މާޅޮހުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ރަށުގަ ސައިޓުގެ މަސައްކަތްފެށީ މިއަހަރުގެ އޭޕްރިލްމަހު ނަމަވެސް، އާ ބަނދަރު ހަދާ ސަރަޙައްދުގައި ބައެއް މައްސަލަތައް ހުރުމުގެ ސަބަބުން ބަނދަރުގެ މަސައްކަތަށް ކުޑަ މަޑުޖެހުމެއްވަނީ އައިސްފައެވެ.

އއ.މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް ގެންނަ ބަދަލުތަކާ، މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްވަނީ މާޅޮހު ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. ޢާޒިމް ވިދާޅުވީ މަސައްކަތް ލަސްވަނީ ސައިޓުގަ މަސައްކަތް ކުރިއަށް ގެންދާގޮތަށް ބައެއް ބަދަލުތައް ގެންނަންޖެހުމުގެ ސަބަބުންކަމަށެވެ. މި މަސައްކަތަށް ޙައްލުގެނެސް، ބާރު ސްޕީޑްގަ މަސައްކަތް ކުރިއަށްގެންގޮސް އަންނަ އަހަރު ބަނދަރު ނިންމާ ބޭނުންކުރަން ހުޅުވާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކޮންނަމުން ދިޔައިރު އެނގުނީ އަޑީގަ ބޮޑު އާނުގަނޑެއް އޮތްކަން. ގޮއްވައިގެން އާނު ނަގާނަމަ ރަށުގެ ގެތަކާ ސްކޫލަށްވެސް ގެއްލުންވާނެ. އެހެންވީމަ އެހެން ގޮތެއް މި ހޯދަނީ. ކޮންސެޕްޓަށް ބަދަލުގެނެސް އަންނަ އަހަރުގެ ޖޫން ޖުލައިގެ ކުރިއަށް މަސައްކަތް ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 394މީޓަރުގެ އެއްގަމު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 24335 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 407 މީޓަރުގެ ސަރަޙައްދުގެ ބޭރު ތޮށި ލުމާއި، 100މީޓަރުގެ ސަރަޙައްދުގަ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ޕޭމަންޓް ހެދުމާ، ރޭމްޕްހެދުން ނެރު ބައްތިޖެހުން އަދި ބަނދަރު ބައްތި ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަޝްރޫޢަކީ ސަރުކާރުން 56.97މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އއ.މާޅޮހުގެ އާ ބަނދަރުގެ މަސައްކަތާއެކު، ކުރިން ބޭނުންކުރި ކުޑަ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.