ޚަބަރު

ޑޯޓްމުންޑް ބަލިކޮށް ޖަރމަން ސުޕަރ ކަޕް ބަޔާން ކާމިޔާބުކޮށްފި


ބޮރުޝިއާ ޑޯޓްމުންޑް ބަލިކޮށް ޖަރމަން ސުޕަރ ކަޕް ބަޔާން މިޔުކުން ކާމިޔާބުކޮށްފިއެވެ. ބަޔާނުން މި މެޗު ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު މެޗުގެ 40ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަޔާންގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނެޓުގައި ތޯމަސް މުލަރވަނީ ލަނޑެއް ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޑޯޓްމުންޑްގެ ހަމައެކަނި ލަނޑު މެޗުގެ 64ވަނަ މިނެޓުގައި ޖަހާދިނީ މާކޯ ރޮއިސްއެވެ. ނަމަވެސް އޭގެ 10 މިނެޓް ފަހުން ލެވަންޑޯސްކީވަނީ އަނެއްކާވެސް ބަޔޭންއަށް ދެގޯލްގެ ލީޑެއް ހޯދާދީފައެވެ. މި މެޗުގައި ޑޯޓްމުންޑުންވަނީ ދެ ފަހަރެއްގެ މަތިން ބޯޅަ ގޯލަށް ވައްދާލާފައެވެ. ނަމަވެސް އެ ދެ ހަމަލާވެސް ވަނީ އޮފް ސައިޑް ވުމުން ލަނޑަކަށް ނުބަލާފައެވެ.

މިކާމިޔާބީއަކީ ބަޔޭންގެ އާކޯޗް ރޫލިއަން ނާގެލްސްމަންގެ ކޯޗިންގ ކެރިއަރުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ. އަދި މިއީ ސީޒަންގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމުމުން ބަޔާންއަށް ކުރިއަށްހުރި މެޗުތަކާއި ކުރިމަތިލާއިރު އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.