ޚަބަރު

މާޒިޔާގެ ޑިފެންސް އެހާ ވަރުގަދައެއް ނޫން: އޮސްކާ


ގަލޮޅު ދަނޑަށް ފަރިތަވާނެ ކަމަަށާއި ރާއްޖޭގެ ކުޅުންތެރިން އެނގުމަކީ އޭއެފްސީ ކަޕްގައި ވާދަކުރާއިރު، ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޯޗު، އޮސްކާ ބުރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި މާދަމާ ރޭ ބަޝުންދުރަ ނިކުންނާނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. މިއީ މިދެ ޓީމްވެސް މިގުރޫޕްގައި ކުޅޭ ފުރަތަމަ މެޗެވެ. ސްޕެއިންގެ އޮސްކާ ބުރުޒޮންވަނީ 2018ވަނަ އަހަރު ރާއްޖޭގެ ނިއުރޭޑިއަންޓްސް ސްޕޯޓްސް ކުލަބަށް ކޯޗްކޮށްދީ އެޓީމަށް ތަށްޓެއްވެސް ހޯދާދީފައެވެ.

މާޒިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަދައްކަމުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޮން ބުނީ ނިއުގައި މަސައްކަތް ކުރިއިރު މާޒިޔާއަކީ އެންމެ ވާދަވެެރި ޓީމް ކަމަށާއި އެހެންނަމަވެސް މިހާރު މާޒިޔާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޓީމްކަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް މަސައްކަތް ކުރަން ބޭނުންވާ ގައުމެއްކަމަށާއި ދެވަނަ ފަހަރަށް ރާއްޖެ އާދެވުމުން ވަރަށް އުފާވާކަމަށެވެ. އަދި ނިއުގައި ކުރި މަސައްކަތް މިފަހަރު ބަޝުންދުރައާއެކު ކުރަން ބޭނުންވާކަމަށާއި ގަލޮޅު ދަނޑުގައި އެހެން ޓީމަކާއެކު ކާމިޔާބު ހޯދަން ބޭނުންވާކަމަށެވެ.

ރާއްޖެ އާއި އިންޑިޔާގައިވެސް މަސައްކަތްކޮށްފައިވާ އޮސްކާ ބުނީ ބަޝުންދުރައަކީ ބަލި ޓީމެއް ނޫންކަމަށާއި އެކަން މިމުބާރާތުގައި އެނގިގެންދާނެކަމެވެ. އަދި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ މެޗުން، ހޯދާ 3 ޕޮއިންޓާއެކު ބަޝުންދުރާގެ ފެންވަރު އެނގޭނެކަމަށްވެސް ރާއްޖޭގައި މަސައްކަތްކޮށްފައިވާ އޮސްކާ ބުންޏެވެ. އަދި މާދަމާ ރޭ މާޒިޔާއާއި ދެކޮޅަށް ކުޅޭ މެޗަކީ ބަޝުންދުރާގެ ފުރަތަމަ މެޗަށް ވުމުން، މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރުމަކީ، ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންކަމުން ބަޝުންދުރަ ނިކުންނާނީ މެޗުން މޮޅުވެގެން ފައިބަންކަމަށްވެސް އޮސްކާ ބުންޏެވެ. 

"ބަޝުންދުރައަކީ ދެރަ ޓީމެއް ނޫން. އޭއެފްސީ ކަޕަށް އާ ޓީމަކަށް ވިއަސް ޓީމްގައި ތިބީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން. މި ގުރޫޕްގައި އޮތް ޓީމްތަކާއި އަޅާބަލާއިރުވެސް، ބަޝުންދުރައަކީ ދެރަ ޓީމެއް ނޫން. މަސައްކަތްކޮށްފިއްޔާ ކާމިޔާބު ލިބޭނެ. އެކަންވަނީ ބަންގްލަދޭޝްގައި ސާބިތުކޮށްދީފަ. ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިންމުކަމެއް. އެހެން ޓީމްތަކުގެ ފެންވަރުވެސް އެނގޭނީ ފުރަތަމަ މެޗުން. އެހެންވީމަ ފުރަތަމަ މެޗުން މޮޅުވުން ވަރަށް މުހިންމު. ފުރަތަމަ މެޗް އެއްވަރު ކުރުމަކީ ވިސްނުމެއް ނޫން، ބޭނުންވަނީ ފުރަތަމަ މެޗް ކާމިޔާބުކުރަން. ތިން މެޗް ގުރޫޕްގައި އޮތްއިރު، އެއްވެސް މެޗެއް ފަސޭހަކޮށެއް ނުލާނަން." ބަޝުންދުރަގެ ކޯޗް އޮސްކާ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮސްކާ ބުނީ މިއީ ރާއްޖޭގެ ޗެމްޕިއަނުންނާއި ބަންގްލަދޭޝްގެ ޗެމްޕިއަންނުންގެ ކުރިމަތިލުމެއް ކަމަށެވެ. މާޒިޔާއަކީ ފޯވާޑް ލައިން ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން އެޓީމުން ޑިފެންސަށް ވިސްނައިގެން ނުކުޅޭނެކަމަށެވެ. ނަމަވެސް މާޒިޔާގެ ޑިފެންސް ލައިން ފެންނަނީ އެހާ ވަރުގަދަކޮށް ނޫންކަމަށްވެސް އޮސްކާ ބުންޏެވެ. އަދި ބަންގްލަދޭޝްގެ މޫސުމާއި ރާއްޖޭގެ މޫސުމުގައި އެއްކަހަލަ ކަންތައްތަކެއް ހުރުމުން ކުޅުންތެރިންނަށްވެސް ފަސޭހަވެގެންދާނެ ކަމަށް ބަޝުންދުރަ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބުންޏެވެ.

މިމެޗަށް ނިކުންނައިރު، މާޒިޔާ މިހާތަނަށް ބަންގްލަދޭޝްގެ ޓީމެއްގެ އަތުން ބަލިވެފައެއް ނުވެއެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9އެއް ޖަހާއިރުއެވެ.