ޚަބަރު

ބަނދަރެއް ނެތް މަންދޫގައި ސެޕްޓެމްބަރުމަހު ބަނދަރުގެ މަސައްކަތް ފަށަނީ


އ.ދ މަންދޫއަކީ މިހާތަނަށްވެސް ރާއްޖޭގަ ބަނދަރެއް ނެތް މަދު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ރަށަށް އަރާ ފޭބުމަށްވެސް، އަދި ރަށުގެ ޒަރޫރީ ބޭނުމަށް ބޭނުންވާ ސާމާނުވެސް ރަށަށް އަރުވަނީ، ރައްޔިތުންގެ ޖެޓީންނެވެ. ޖެޓީވެސް މިހާރު އޮތީ ބޭނުން ނުކުރެވޭވަަރަށް ހަލާކުވެފައެވެ. އެރަށުގެ ރައްޔިތުން ރަށަށް އަރާފޭބުމަށް މިވަގުތު އޮތް ހަމައެކަނި ގޮތަކީ، ރަށުގައި ވިޔަފާރިކުރާ ބަޔަކު މުދާ ސަޕްލައިކުރަން ހަދާފަ އޮތް ހަނި ޖެޓީއެކެވެ.

ރައްޔިތުން ބަނދަރަކަށް ކުރަމުން އައި އުއްމީދު އާވީ، 2019 ވަނަ އަހަރު ފަހުކޮޅު މަންދޫ ބަނދަރު ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރި ހިސާބުންނެވެ. އެމްޓީސީއާ ހަވާލުކުރީ ރަށުގައި 136 މީޓަރުގެ ބަނދަރެއްގެ ހެދުމަށެވެ. ރަށުގައި ބަނދަރު އޮންނަން ބޭނުންވާ ސަރަޙައްދު ކަނޑަނޭޅި ދޮޅު އަހަރު ފާއިތުވުމަށްފަހު މިހާރު މިވަނީ ރަށުގެ ހުޅަނގު ކޮޅުގައި ބަނދަރު ހެދުމަށް ރައްޔިތުން "އާން"ބަސް ކިޔާފައެވެ.

ބަނދަރެއް ނެތުމުގެ ދަތިތަކާއި ގުޅޭގޮތުން މަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ ބަނދަރެއް ނެތުމުގެ ދަތިކަން ރަށުގެ މުޅި އިޤްތިޞާދީ ކުރިއެރުމުގެ ހުރަހަކަށްވާކަމަށެވެ. އެންމެ ބޮޑު ދަތިކަމަކީ ރަށަށް ބޭނުންވާ މުދާ އެރުވުންކަމަށް އޭނާ ވިދާޅުވިއެވެ.

""ބަރު މުދާ ރަށަށް އެރުވުން ވަރަށް ދަތި. ބަނދަރުހެދުމުގެ ސަބަބުން، ގެދޮރު ހެދުންފަދަ ކަންކަމަށް ބޭނުންވާ މުދާ ގެނައުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ." ކައުންސިލްގެ ރައީސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރުމަށް، ޕްރޮޖެކްޓް ސައިޓް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވަނީ މަންދޫއަށް ޒިޔާރަތް ކުރައްވާފައެވެ. ޕްރޮޖެކްޓްގެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ސައިޓުގައި ނުފެށި ލަސްވީ ބަނދަރު ހަދާނެ ސަރަޙައްދު ކަނޑައެޅުމުގައި ރަށުން ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު ސަރަޙައްދު ކަނޑައެޅި އަދި އެކަމަށް ބޭނުންވާ ސަރވޭތައް ނިމިފަވާކަމަށާއި ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

" މިހާރު އީއައިއޭވެސް ނިމިފަވަނީ. ސެޕްޓެމްބަރުގަ ސައިޓް މޮބިލައިޒްކޮށް މަސައްކަތް ފަށާނަން." އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 19630 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، ބަނދަރުގައި ޕޭމަންޓް ހެދުމަށް ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގައި 138 މީޓަރުގެ ޖެޓީއެއް އެޅުންވެސް އެއްބަސްވުމުގައި ހިމެނެއެވެ. ޖެޓީ ހަދަނީ ރަށުގެ އުތުރު ފަރާތު ބީޗް ސަރަޙައްދުގައެވެ.

"ބަނދަރެއް ނެތުމުން ބައެއް ފަހަރު ދޯނިފަހަރަށް އަރާ ފައިބަން ވަރަށް ދަތި. އޮަށޯވެ އޮންނަ ބަލިމީހަކު ގެންދަންވެއްޖެނަމަ ތެމިގެންވެސް ދޯންޏަން އަރުވަން އުޅެންޖެހޭ ފަހަރު އާދޭ." ރަށުން ވާހަކަދެއްކި ރައްޔިތަކު ކިޔައިދިނެވެ.

މަންދޫއަކީ އާބާދީގައި 400އެއްހާ މީހުން ހިމެނޭ ރަށެކެވެ. ނަމަވެސް އެކި މަސައްކަތްތަކުގައި އެރަށުގައި އުޅޭ މީހުނާއެކު އާބާދީ 500 އިން މައްޗަށް އަރަށެވެ.

ރަށު ފަތުރުވެރިކަން ފުޅާވަމުން އަންނަ އެރަށުގައި 4 ގެސްޓަހައުސްއެއް ހިންގައެވެ. ބަނދަރާއެކު ގެސްޓްހައުސް ވިޔަފާރިއާއި ރަށުގެ އިޖްތިމާޢީ އަދި އެހެނިހެން އިޤްތިޞާދީ ކަންކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައްޔިތުން ޤަބޫލްކުރެއެވެ.