ޚަބަރު

މިހާތަނަށް ގުޅުނު ދިވެހިންގެ ޙާލު ރަނގަޅު- ޚާރިޖިއްޔާ


ޗެންނާއީގައި ތިބި ދިވެހިންގެ ތެރެއިން 5 މީހަކު ފިޔަވާ ދެންތިބި އެންމެނާއި ގުޅިފައިވާކަމަށް އިންޑިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.ޕިއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޓްރެވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓްގެ، ކޮންސުލް ޢަލީ އާދަމް ވިދާޅުވީ، މި 5 މީހުންނާއި ގުޅޭތޯ ދިވެހި ހައިކޮމިޝަނުން އަދިވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ގުޅުނު އެންމެންވެސް ތިބީ ރައްކާތެރި ހިސާބުތަކެއްގައި ކަމަށާއި އަދި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޢަލީ އާދަމް ވިދާޅުވިއެވެ.މީގެ އިތުރުން ޗެންނާއީގައި ތިބި މީހުންގެ ތެރެއިން ޓްރެވެންޑަރަމަށް ދާން ބޭނުންވާ މީހުނަނަށް ދަތުރުކުރެވޭނެ ބަހެއް ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަދި މި މީހުންނަށް މާދަމާގެ ވަގުތެއްގައި ޓްރެވެންޑްރަމަށް ދެވޭނެކަމަށް ޢަލީ އާދަމް ވިދާޅުވިއެވެ.އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓުގެ ޗެންނާއީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ދިވެހިންގެ ޙާލު ބެއްލެވުމަށް ދިވެހި ޚާރިޖިއްޔާއިންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.ނަމަވެސް ލޭންޑްލައިނާއި، އަދި މޯބައިލް ނެޓްވާރކްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ދިވެހިންނާ ގުޅުމަށް ދަތިތަކަކާއި ކުރިމަތިވަމުންދާކަން ދިވެހި ޚާރިޖިއްޔާއިން ފާހަގަކުރައްވައެވެ.